އެޖެންޑާ 19 އާއި އެކު އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ނުކުތީ ރައްޔިތުން އަޅުވެތި ކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ކަމަށް ކެންދިކުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު އަބްދުﷲ ޝަފީގުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަން ކުރީގައި ވެސް ކުރައްވާފައިވާ އީސަ ވިދާޅުވީ ދާއިރާތަކަށް ކުރިއެރުމާއި ތަރައްގީ ގެންނާނީ އެޖެންޑާ 19 ގެ ތެރެއިން ކަމަށެވެ.
ގާނޫނު އަސާސިން ލާޒިމްކޮށްފައިވާ އަސާސީ ހައްގުތައް އެއީ އެއްވެސް މީހެއްގެ ހެޔޮކަމުން ރައްޔިތުންނަށް ހޯދައިދޭ އެއްޗެއް ނޫން ކަމަށާއި ދައުލަތެއްގެ ޒިއްމާއަކީ އެ ހައްގުތައް އެ ރައްޔިތުންނަށް ތަނަވަސް ކޮށްދިނުން ކަމަށް އީސަ ވިދާޅުވިއެވެ.
"މި ފަހަރު އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ނުކުމެ މިތިބީ ދިވެހިރާއްޖޭގެ ބޯދާ ތާރީޚު ބަދަލުކުރަން. އަނެއް ސަފްހާ ދިވެހި ރއްޔިތުންނަށް ހުޅުވާލަ ދޭން. އެޖެންޑާ 19 ގައި ހުރި އެންމެހާ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަންކަން އެކަންކަން ހާސިލުވާނެ ކަމާ މެދު ޝައްކު ނުކުރަން،" އީސަ ވިދާޅުވިއެވެ.
މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހަމަދު އަބްދުﷲ ޝަފީގު ވިދާޅުވީ 2008 ގައި ފެށިގެން ދިޔަ އެމްޑީޕީގެ ވެރިކަން ވެއްޓުނީ އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އާއި ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތަކަށް ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި މެޖޯރިޓީ ލިބުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެޖެންޑާ 19 ގައި ހުރި ކަންކަން ރައްޔިތުން ކިޔާ އޭގައި ހުރި އެއްޗެއް އެނގެންޖެހޭ. އޭރުން އެމްޑީޕީ އަށް ވޯޓް ދޭންޖެހޭ ސަބަބުތައް ރައްޔިތުންނަށް އެނގޭނެ. އަޅުގަނޑުމެން ގާއިމް ކުރަން ބޭނުންވަނީ ހަމަހަމަ ފުރުސަތުތަކެއް ހަމަހަމަ ކަމާ އެކު ރަތައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ މަގުތަކެއް،" މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ހާރޫން ވިދާޅުވީ މަނަދޫ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދަތިތައް ގާތު ބަލާފައިވާ ކަމަށާއި ނިސްބަތުން ލޭ އަޅާ ކުދިން ގިނަ ލަންދޫގެ ރައްޔިތުން އެދެނީ އެ ކުދިންނަށް ލޭއަޅަން ޖެހޭ ކޮންމެ ފަހަރަކު ކަނޑު ހުރަސްކޮށް މަނަދުއަށް ދިއުމުގެ ބަދަލުގައި ލަންދޫ އިން މި ޚިދުމަތް ލިބިގަތުމަށް ކަމަށެވެ. އަދި ގާނޫނަކުން އެ ހައްގުތައް ލަނދޫގެ ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބަނދަރުގެ ދަތިކަން. އެކަން ވެސް މިހާރު ބަޖެޓް ކުރެވިފައިވަނީ. އަދި ދާދި އަވަހަށް އެކަމުގައި ހަގީގީ ކުލަ ޖެހިގެން ދާ ތަން އެރަށުގެ ރައްޔިތުންނަށް ފެންނާނެ،" އަހުމަދު ހާރޫނު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމައްދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެން ފަހުން މިއީ އެ މަނިކުފާނު ވެލިދުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.