ހޮނިހިރު ދުވަހު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރުގެ މޫނު ދެއްކުން އާދީއްތަ ދުވަހު އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި މުހައްމަދު ޒާހިރު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ. އެމަނިކުފާނުގެ ޖަނާޒާގެ ކަންތައްތައް އިމްތިޒާމު ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ ޒާހިރުގެ ކަށުނަމާދު އޮންނާނީ އާދީއްތަ ދުވަހުގެ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށާއި އެމަނިކުފާނުގެ ކަށިކޮޅު ފަސްދާނުލާނީ އިއްޒަތްތެރި ފަސްދާނުލާ ގަލޮޅު ސަހަރާގައި ކަމަށެވެ. ގަލޮޅު ސަހަރާގައި އެންމެ ފަހުން ފަސްދާނުލީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުﷲ ހަމީދެވެ.
ހޮނިހިރު ދުވަހު ޒާހިރު އަވާހަރަވިއިރު, އަނބިކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރައްވާފައެވެ.