ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ކެންޑިޑޭޓުން ނެތް ނަމަ ސަރުކާރު ހުއްޓި ވައުދުތައް ނުފުއްދި ގައުމު އަނެއްކާ ވެސް ބޮޑު ބަޢާވާތަކަށް މިސްރާބުޖަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިހާބުގައި ނ. ވެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އަބްދުﷲ ޝަފީގުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާޒީގައި ވެގެންދިޔަ ކަންތައްތައް ތަކުރާރުވިޔަ ނުދީ ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި މަޖިލީހުން ސަރުކާރުގެ ވައުދުތަކަށް ތާއީދުނުކުރާނަމަ އަނެއްކާވެސް ވެރިކަންވައްޓައިލައި ގައުމު އެތައް އަހަރަކަށް ފަހަތަށް ޖެހިގެންދާނެ ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގައި އެބަތިބެންޖެހޭ އެޖެންޑާ 19 އަށް ތާއީދުކުރާ ގަބޫލުކުރާ މީހުން . އެހެން ނޫނިއްޔާ ކުރިޔެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތި ލާންޖެހޭނީ ސަރުކާރު ހުއްޓި ވައުދުތައް ނުފުއްދި އެންމެ ފަހުން ބޮޑު ބަޢާވާތަކާއި ދިމާލަށް މިސްރާބުޖަހާތަން ، ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ރައްޔިތުން އިންތިހާބުކޮށްފައި އޮތް ވެރިކަމަކަށް ކުރިމަތިލާންޖެހުމަކީ މިގައުމު އެތައް އަހަރަކަށް ފަހަތަށް ޖެހިގެންދާނެކަމެއް. އެހެންކަމުން ތިބޭފުޅުން ވިސްނާވަޑައިގެން ކުރިޔަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން މިވީ ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތުތައް ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް " ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން ޖަލްސާގައި ވެލިދޫ ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ވެލިދޫއަށް އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވާނެ ބައެއް ކަންތައްތައް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.
" ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސަތްކަތް މިއަހަރު ފެށިގެންދާނެ ، ތިބޭފުޅުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ބޭންކްގެ ހދުމަތް މިރަށުން ލިބޭނެގޮތެއް ހޯދައިދިނުން . އިރާދުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ބީއެމްއެލްގެ ބްރާންޗަކަށް މި ރަށުގައި ހުރި އޭޓީއެމް އަޕްގްރޭޑް ކުރެވި ބޭންކްގެ ހިދުމަތް މި ރަށުން ލިބޭނެގޮތް ހަމަޖެހިގެންދާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.