އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އޭނާގެ ކާރުން މަސްތުވާތަކެތި އަތުލައިގަނެ، ތިން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގަތީ ހުކުރު މިސްކިތް ކައިރިންނެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ކާރުގެ ތެރެއިން، އަތުލައިގަތީ ރަބަރު ޕެކެޓުތަކަކަށްލާފައިވާ މަސްތުވާ ތަކެއްޗެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލް، ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު ގުޅާލުމުން ވިދާޅުވީ ހުކުރު މިސްކިތް ކައިރީގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި "ސީން ޕްރޮސެސް"ގައި އުޅޭތީ ތަފްސީލު ދެވެން ނެތް ކަމަށެވެ. އޮޕަރޭޝަން ނިމުމުން ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ފަލާހުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން "އެ ކަހަލަ މައުލޫމާތެއް ލިބިފައި ނުވާ" ކަމަށް ވިދާޅުވިއެވެ. މަސްތުވާތަކެތި ފެނުނު ކާރުގެ ނަމްބަރާއި ތަފްސީލު އޭނާއަށް ފޮނުވައި، އެއީ ފަލާހުގެ ކާރެއްތޯ ސާފު ކުރުމަށް މެސެޖުކޮށް، ފޯނު ކުރުމުން ފަލާހު ޖަވާބެއް ނުދެއްވައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެއީ ފަލާހުގެ ނަންމަތީގައި ރަޖިސްޓްރީކޮށްގެން، އޭނާ ބޭނުން ކުރަމުންދާ ކާރެކެވެ. މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ އޭނާއާ ސުވާލު ވެސް ކޮށްފައެވެ.