ފުވައްމުލަކު ސިޓީ، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ކުރީ ސަރުކާރުން ކަންކުރި ގޮތުން ކަމަށާއި މަސައްކަތް ވީހާ ވެސް އަވަހަށް ފެށޭތޯ މަޝްވަރާ ކުރައްވަމުންދާ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ފުވައްމުލަކު ތިން ކެނޑިޑޭޓުންގެ މާލޭގެ ކެމްޕޭން ޖަގަހައަށް ވަޑައިގެން ހުކުރު ދުވަހުގެ ރޭ ކެމްޕޭން ޓީމާއި މުޚާތަބް ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ބޭރުގެ އެހީއާ އެކު ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައި ވީ ނަމަވެސް މިއަދާ ހަމައަށް އެ މަސައްކަތް ފެށިފައި ނުވަނީ ކުރީ ސަރުކާރުން އެކަން ކުރަން ޖެހޭ ގޮތަށް އެކަން ކޮށްފައި ނެތުމުން ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއަކީ ނެދަލެންޑްސް ސަރުކާރާއި ކުވައިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އެއްބަސްވުން އެކުލަވާލިތާ ދެ އަހަރަށްވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ފަހަރެއްގެ މަތިން ކުވައިތު ފަންޑުގެ ޗެއާމަން އަދި ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ސަބާހު އަލް ޚާލިދު އަލް ސަބާހާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ކުވައިތް ފަންޑުގެ ޗެއަރމަން އަދި ކުވައިތްގެ ޚާރިޖީ ވަޒީރު ޝައިޚް ސަބާހު އަލް ޚާލިދު އަލް ސަބާހަކީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބް ވެސްމެއެވެ. މީގެ އިތުރުން ނެދަލެންޑްސްއާ އެކުވެސް އެކަމުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަށް މާލޭގައި ހުޅުވާފައިވާ ފުވައްމުލަކު ސިޓީގެ ކެމްޕޭން ޖަގަހައަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރަން ވައުދުވި ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމާއި ސްކޫލް ކުދިންނަށް ނާސްތާ ދިނުމާއި އެނޫން ވެސް ބައެއް ވައުދުތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ހަމައެއާ އެކު މި ސަރުކާރު ވެރިކަމަށް އައީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދިނުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވައުދުވެގެން ކަން ފާހަގަ ކުރެއްވިއެވެ.
އެ ވައުދުތައް ފުއްދެވުމަށް އެކުލަވާލަން ޖެހޭ ކޮމިޝަންތައް އެކުލަވާލުމުގެ ބިލްތައް މަޖިލީހުގައި އެހެރީ ކަމަށް ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަން ޖެހޭނީ ރައީސް ސާލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ހިތުގެ އަޑިން ގަބޫލުކުރާ އެ ވައުދުތައް ފުއްދަން މަޖިލިސް ތެރެއިން ކުރަންޖެހޭ ކަންކަން ކުރައްވާނެ ބޭފުޅުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ވައުދުތައް ފުއްދަން ސަރުކާރަށް މަޖިލީހުގެ ތެރެއިން މެޖޯރިޓީ ބޭނުންވާ ކަމަށާއި ފުވައްމުލަކުގެ ތިން ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ތިން ކެނޑިޑޭޓުންނަކީ އެ ވައުދުތައް ފުއްދަވާނެ ކެންޑިޑޭޓުން ކަމަށް ޝާހިދު ވިދަޅުވިއެވެ.