އިސްލާހަށް ރައްޔިތުން ފެށި މަސައްކަތް ނުނިމޭ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ހައްދުންމަތީ ގަމު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ވިސާމް (ސަމްޕަތް ވިސާމް) ވިދާޅުވެއްޖެއެވެ.
ހުކުުރު ދުވަހުގެ ރޭ ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރައީސް ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރެވުން ކަމަށެވެ. ހާއްސަކޮށް ގަމު ދާއިރާގެ ރައްޔިތުންނަކީ އެ މަސައްކަތުގައި ހާއްސަ ގުރުބާނީތަކެއް ވެވަޑައިގެންނެވި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީން ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިގެން އެ ކުރި މަސައްކަތުގައި ހައްދުންމަތީ ގަމުގެ ރައްޔިތުންނަކީ ނުހަނު ބޮޑު ގުރުބާނީތަކެއް ވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް" ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައި ކަމަށާއި ކަންތައްތައް މިއަދު ވަމުންދާ ގޮތުން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ ސަބަބު ވަރަށް ސާފު ކަމަށެވެ. އަދި ގަމު ދާއިރާގެ ތަރައްގީ ކަށަވަރު ކުރުމަށް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިސާމް ވިދާޅުވީ އެމްޑީޕީންނާއި ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވީ ކަންކަން ފުއްދަން ބޭނުން ވަނީ ގާނޫނީ ބާރުވެރިކަން ކަމަށެވެ. އަދި އެ މެނިފެސްޓޯއަކީ ގަމު ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯއެއް ކަމަށް ވުމުން، ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު ފޯރި އާއި ޖޯޝާ އެކުގައި ނުކުމެ ކެމްޕެއިން "މެކުހަށް" ޖަހަން ޖެހޭ ކަމަށް އޭނާ ވިދާޅުުވިއެވެ.
މީގެ އިތުރުން ވިސާމް ވަނީ މި ހަފުލާގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކާ ޝުކުރު އަދާ ކުރައްވާފައެެވެ. ވަކި ފިކުރަކަށް ބެލުމެއް ނެތި އިންސާފަށް ކުރާ މަސައްކަތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމުން މިސާލު ނަގައި، ރައްޔިތުންގެ ވެސް އެގޮތަށް ވޯޓު ދެއްވުމަށް ވިސާމް ވަނީ އެދިވަޑައިގެންފައެވެ.
ވިސާމް އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްފައި ވަނީ ޕްރައިމަރީގައި އިތުރު ދެ ބޭފުޅަކާއި ވާދަކޮށް ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދަވައިގެންނެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އާއި ހަމަޔަށް ވިސާމަކީ ރާއްޖެޓީވީގައި މަސައްކަތް ކުރެއްވީ ހީވާގި ނޫސްވެރިއެކެވެ.