އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކުރުމުގައި އެހީތެރިވުމަށް ރާއްޖޭގައި އެންމެ ގިނަވެގެން ތިބޭނީ އިންޑިއާގެ 50 މީހުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރުގެ އޮޕަރޭޝަނާއި ގުޅިގެން ކޮންމެ އިރަކުވެސް ގިނަވެގެން 50 މީހުން ތިބޭއިރު އެމީހުންނަކީ ދާއިމީ ގޮތެއްގައި ތިބޭ ބައެއް ނޫން ކަމަށެވެ.
"އާންމު ގޮތެއްގަ އަޅުގަނޑުމެން ފިގަރއެއްގެ ގޮތުގަ މި ގެންގުޅެނީ ފަންސާސް. އެކަމަކު މީގެ ތެރޭގަ އެގްޒެކްޓްލީ ބަލާލާއިރު އެ އަދަދަށް ނުތިބެދާނެ. އެއީ ބައެއްފަހަރު މިގޮތަށް ބޮޑު ޓީމެއް އުޅޭއިރުގަ، ކޮންމެސް ވަރަކަށް މީހުން ގޮސް، އައިސް އެކަހަލަ ކަންތައްތައް ހިނގާނެ. އެކަމު ކޮންމެ މޫވްމަންޓަކީވެސް އަޅުގަނޑުމެންނަށް އެނގިގެން (ހިނގާ މޫވްމަންޓެއް). އަނެއްކާ ރޮޓޭޓް ވާކަހަލަ އުސޫލަކުން ތިބޭ ބައެއް. މީހަމަ، އައިސް ތިބޭ ބަޔަކު މިހެން ޕަރމަނަންޓްކޮށް ތިބެނީކީ ނޫން. އަންނަން ކަނޑައެޅިފަ އޮންނަ ޓަރމަކަށް އައިސް، އެ ޓަރމް ހަމަވީމަ، އެހެން ބަޔަކު އައިސް، އެހެން ރޮޓޭޓްވާ އުސޫލުން ހިނގާކަމެއް" ސަލީމް ވިދާޅުވިއެވެ.
މި މަޢުލޫއުގައި ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިނގޭ 90 އިންސައްތަ އޮޕަރޭޝަން ތަކަކީ ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހިންގުނު އޮޕަރޭޝަންތައް ކަމަށެވެ. ޒުހައިރު ވިދާޅުވީ ހެލިކޮޕްތަރ އޮޕަރޭޝަންގައި އައިސް ތިބޭ އިންޑިއާ ރައްޔިތުންގެ ތެރޭގައި އަސްކަރިއްޔާގައި ނުހިމެނޭ ޓެކްނިކަލް ސްޓާފުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ އޮފިޝަލުން ވެސް ބައެއް ފަހަރު ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރަމުންދާ ރާޑަރު ސިސްޓަމްތަކަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރާ ކަމެއް ނަމަވެސް، އެ މަސައްކަތުގައި އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ކޯސްޓްގާޑުން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން ކޯސްޓްގާޑުން ވަނީ ސާޅީހާއި ގާތްކުރާ އަދަދަކަށް އޮޕަރޭޝަންތައް ހިންގާފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ކުއްލި ހާލަތްތަކުގައި އެއްތަނުން އަނެއްތަނަށް ބަލިމީހުން ގެންދިއުމަށް ހިންގުނު އޮޕަރޭޝަންތަކެވެ.