ސްނޯކްލިންގ އަށްގޮސް އުޅުން ފަތުރުވެރިއަކު ޑިންގީއެއްގައިޖެހި ޒަޚަމް ވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިންގީއިން ޖެހި އަނިޔާ ވެފައި ވަނީ ބ. ދަރަވަންދޫ ގެސްޓް ހައުސް އަކަށް އައިސް އުޅޭ ޖަރުމަނަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ކަމަށާއި މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:15ހާއިރުގައި ކަމަށެވެ.
ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން އާންމު ކޮށްފައި ނުވާއިރު މިހާރު އެ ފަތުރުވެރިޔާއަށް ދަރަވަންދޫ ހެލްތް ސެންޓަރުން ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް މޫދުގައި ހިނގާ ނުރައްކާތެރި އެކިއެކި ހާދިސާތަކުގެ އަދަދު އިތުރުވެފައި ވާއިރު މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ތ. ގުރައަދޫގައި މޫދަށް އެރި އުޅެނިކޮށް ސީބެޑެއްގައި އޮޔާ ދިޔަ އަންހެނަކު ފުލުހުން ސަލާމަތް ކޮށްފައެވެ.
އަދި ކަނޑުމަތިން ހިނގި ހާދިސާއެއްގައި ދިވެހި ޒުވާން އަންހެން ކުއްޖަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
މީގެ އިތުރުން މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފައެވެ. މީގެ ތެރޭގައި ގިނައީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަ ބޮޑުވެފައި ވާތީ، ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދުތަކާއި، ރިސޯޓްތައް މޮނީޓާކޮށް ސަލާމަތީ ކަންކަން އިސްލާހު ކުރުމަށް ސިފައިންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 11 ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.