ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ ހޮޅުދޫއަށް ވަޑައިގެންފިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮޅޫދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ޔޫނުސް އަލީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް އެމަނިކުފާނު ހޮޅުދޫއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި ދަތުރުފުޅަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ނ. ވެލިދޫއަށެވެ. އެގޮތުން މިރޭ ވަނީ ވެލިދޫގައި އެމްޑީޕީގެ ގިނަ އަދައްގެ މެމްބަރުންނާއެކު ބޮޑު ޖަލްސާއެއް 9:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނ އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައިސުލްޖުމްހޫރިއްޔާ ހޮޅޫދޫއަށް ވަޑައިގެންފައި ވަނީ މަޖިލިސް އިންތިހާބުގައި ޅ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރެއްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހް ކޮށްދެއްވާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި އާދިއްތަ ދުވަހު ވެސް ރައީސް ސޯލިހު ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެއެވެ. ރައީސް އެންމެ ފަހުން ހޮޅުދޫއަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ.