މިހާރު ހިނގަމުންދާ މަޖިލީހުގައި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސަތްކަތަށް ހުރަސްއަޅާ މީހުން އެބަ ތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލްޢަނީ އަބްދުލްހަކީމްގެ ކެމްޕެއިން އިފްތިތާހްކުރުމަށް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ބޭއްވި ޖަލްސާގައި ކުރެންދޫ ދާއިރާއަށް ނިސްބަތްވާ އޮޅުވެލިފުށި އަދި ކުރެންދޫ ރައްޔިތުންނާ މުހާތަބްކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ސަރުކާރުން ވި ވައުދުތަކަށް ތާއިދު ނުކުރާ ގިނަ ބަޔަކު އެބަ ތިބި ކަމަށާއި ކޮރަޕްޝަން ހުއްޓުވުމާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް މި ސަރުކާރުން ކުރާ މަސަތްކަތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ހުރަސްއަޅާ ކަމަށެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމަށް އެކި ފަހަރު މަތިން މަޖިލީހުގައި ތާވަލްކޮށް ޖަލްސާ ނިންމާލާއިރު ވެސް ބިލް ފާސް ނުވާކަން ފާހަގަކޮށްލެވެއެވެ.
"އަޅުގަނޑު ވީ ވައުދުތަށް ފުއްދުމައްޓަކައި އެބަހުރި ދަތިތަކެއް. ގޮންޖެހުންތަކެއް އެބަހުރި .އެ ވައުދުތައް ގަބޫލުނުކުރާ އެޔަށް ތާއިދު ނުކުރާ ބަޔަކު އެބަތިބި. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް އަޅުގަނޑުމެން މި ކުރާ މަސަތްކަތާއި އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް މަސަތްކަތް އެބަކުރޭ. މަރާލެވަފއިވާ މީހުން، ގެއްލުވާލެވަފިއިވާ މީހުން ހޯދުމުގެ މަސަތްކަތް އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެށިގެން އައި އިރުގައި މިއަދާ ހިސާބަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ވަނީ ހުރަސްއަޅަމުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުރުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު އިސްލާހު ކުރަންޖެހޭ ބައިވަރު ކަންތައްތަށް ހުރި ކަމަށާއި "ކަންތައްތައް ގޯހޭ ކިޔައި ވައުދުތަށް ފުއްދުން މަޑުޖައްސާލެވޭކަށް ނެތް" ކަމަށެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓްދޭންވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރާއްޖެ އިސްލާހުކުރުމަށް ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު ޅ ކުރެންދޫއަށް ވަޑައިގެތް ފުރަތަމަ ފަހަރެވެ. ތިން ދުވަހުގެ މުއްދަތަށް ރައީސް ސޯލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށެވެ.