ލާދީނީ ކާޑު ކުޅި، އިންޑިއާއަށް ގައުމު ވިއްކާލާކަމަށް ތުހުމަތުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް ޖުމްހޫރީޕާޓީގެ ރައީސް އެޕާޓީގެ ރައީސް އަލީވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒުގެ ކެމްޕޭނު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ބައިވެރިވެވަޑައިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަލީ ވަހީދު ވިދާޅުވީ މިއަދުގެ ހާލަތު ބަދަލުވެފައިވާ ކަމަށާއި، މިވެރިކަން ރައްޔިތުން ދަމަހައްޓާނެ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިވެރިކަމުގައި ލާދީނީ ކާޑު ކުޅި، އިންޑިއާއަށް ގައުމު ވިއްކާލާފިޔޭ ކިޔައިގެން މަގުމައްޗަށް މީހުން ނެރި ވެރިކަން ވެއްޓާލަން ވިސްނަން ވެސް ޖާގަ ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިގައުމު ބޭރުގެ ބަޔަކަށް ވިއްކާލަން ނޫޅޭ ކަމަށާއި، އެޖާގަ ވެސް ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ނޫޅެން މިނިވަންކަމާ އިސްތިގުލާލު ދުއްވާލާކަށް. އަޅުގަނޑުމެންނަކީ ވެސް ހަމަގައުމު ދެކެ ލޯބިވާ މީހުން. ވަކި ބައެއް ނޫނޭ. ޕީޕީއެމްއަށް ނުސްބަވްތާ މީހުން ނޫނޭ ގައުމީ ދިދަ ޖަހަގެން ގައުމީ ސަލާމް ކިޔައިގެން ތިމަންނަ އަޅުގަނޑުމެންގެ ވެސް އަމިއްލަ ގައުމެކޭ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިސްލާމްދީނަށް ދެއްވާ އަހައްމިއްޔަތު ކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ މައްސަލައެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ވިސްނާނީ އިސްލާމްދީނާއި، މިގައުމުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަންކަން ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހުއަކީ ދީންދެކެ ލޯބިފުޅުވާ ހިމާޔަތްކުރާނެ ބޭފުޅެއް ކަމަށާއި، މިގައުމުން އެހެން ދީނަކަށް ޖާގަދިނުމަށް ކުޑަ ވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިގައުމުގައި އޮތްދީނީ ވަހުލަތު ނުގެއްލޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިސަރުކާރަކީ ހުރިހާ ގައުމުތަކަކާ ގުޅުން ބަދަހިކުރާނެ ގައުމެއް ކަމަށާއި، ވަކި ގައުމަކަށް ގޮސް ހުސްނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އިރުމައްޗަށް ބެލިބެލީނުން ކޮމަންވެލްތުން ވަކިވެ، މިގައުމުގެ ލާބަޔާ މަންފާއަށް ލިބެން އޮތް އެތައް ފުރުސަތުތަކެއް ނަގާލާފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.