ބަޔަކު އިންސާނީ ހައްޤުގެ ގޮތުގައި ކަނޑައަޅާ ހުރިހާ ކަމަކީ އިންސާނީ ހައްޤެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ބަދުއަޚުލާޤީ އަމަލުތަކަށް ގޮވާލުމާއި ފެތުރުމުގެ ނުބައިކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، އިންސާނީ ހައްޤުތަކުގެ ގޮތުގައި އިސްލާމް ދީނާ ޚިލާފް ވާހަކަތަކާއި ކަންކަމަށް ގޮވާލަމުންދާ ކަމަށާއި، ފަރުދެއް ނުވަތަ ޖަމާއަތެއް ނަމަވެސް އިސްލާމް ދީނާ ޚިލާފް ކަންކަމަށް ގޮވާލައިގެން ނުވާނެ ކަމަށެވެ.
"ބަޔަކު އިންސާނީ ހައްޤެއް ކަމަށް ކަނޑައަޅާ ކޮންމެ ކަމަކީ އިންސާނީ ހައްޤެއް ނޫނެވެ. އެއީ ފިކުރީ އަޅުވެތިކަމެކެވެ. އިންސާނީ ހައްޤުތަކަށް އަރައިގަތުމެވެ. ނުވަތަ އޭގެތެރެއިން ބައެއް ކަންކަމަކީ އިސްލާމް ދީނުގައި ޚަރާމް ކުރައްވާފައިވާ ފާހިޝް އަމަލަކަށް ވުމުގެ އިތުރުން މުޅި އިންސާނީ ނަސްލު ފަނާކޮށްލާފަދަ އަނިޔާވެރި އަމަލެކެވެ. އެއްޖިންސުން ކާވެނި ކުރުމާއި، ގުޅުން ހިންގުމުގެ ނަތީޖާއަކީ މުޅި އިންސާނީ ނަސްލު މި ހަސްތީން ފުހެވިގެން ދިއުމެވެ." ޚުތުބާގައި ބުނެފައިވެއެވެ.
އޭގެއިތުރުން، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހޯދުމާއި، ހައްޤުތައް ހޯދުމުގެ ނަމުގައިވެސް އިސްލާމް ދީނާ ޚިލާފް ކަންކަމަށް ގޮވާލެވިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ މީހުންވެސް ތައުބާވާން ފުރުސަތު އޮތް ކަމަށާއި، އެފަދަ އަމަލުތަކަށް އަރައިގަންނަ މީހުންވެސް އެކަމުން ސަލާމަތްވެވޭނެ މަގު ހޯދުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.
" ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. ވީމާ، މަރު ހަނދާން ކުރުމާއި، ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރުމާއި، އެތަނުގެ އެކަނިވެރިކަމާއި އަނދިރިކަން ތަސައްވަރުކޮށް ވިސްނުމަށްގެނައިސް މިފަދަ ފާހިޝް މުންކަރާތްތަކުން ނަފްސު ސަލާމަތް ކުރުމަށް އަވަސްވެގަންނާށެވެ. " ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އެހެން ބުނެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމަކީ އިންސާނީ ހައްޤެއް ގޮތުގައި ބައެއް ޤައުމުތަކުން ވަނީ ބަލައިގަނެފައެވެ. ނަމަވެސް އެއީ ކަނޑައެޅިގެން އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށާއި، އިއްފަތްތެރި އަބުރުވެރި މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމީ މުޖުތަމައާއި ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.