އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ނިންމުމަކީ ޖޭޕީގެ ކައުންސިލްގެ މެދުގައި ވޯޓެއް ނަގައިގެން ކުރި ކަމެށް ނޫން ކަމަށް އެޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޖޭޕީން، ޕްރޮގްރެސިވް ކޯލިޝަނުގެ 32 ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
އެކަން އެހެން އޮތްއިރު، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒު (ނިޔާ)ގެ ކެމްޕޭނު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ބައިވެރިވެވަޑައިގެން އަލީ ވަހީދު ވަނީ ނިޔާއަށް ކެމްޕޭނު ކޮށްދެއްވާފައެވެ.
އެޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މެދު މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް އެއްބަސްވުމެއް ނެތިވެސް ޕްރޮގްރެސިވް ކޯލިޝަނަށް ތާއިދު ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
''މި ކައުންސިލްގެ ވޯޓެއް ނުނަގާ ޕީޕީއެމް/ޕީއެންސީ އެއްކޮށް ދާކަށް. މާ ކުރިން ނިންމާފައި އޮތް ބާރު ކަމަށް ވިދާޅުވީ ލީޑަރު. އެހެން ނަމަވެސް އަޅުގަނޑުމެން އައީ އޭގެ ފަހުން ޕާޓީއަށް. އެހެންވީމަ އަޅުގަނޑުމެންގެ ހައްގެއް އެ ސާފުވުން'' އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅުނުއިރު ޤާސިމްގެ އަރިހުން ދެކަމަކަށް ދަންނަވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އެއް ކަމަކީ އެމްޑީޕީ ގައިގަ ކޮޅުފައިން ޖަހަން ނުބުނާށޭ. އެކަމެއް ނުވާނެ. އަޅުގަނޑަކީ އެމްޑީޕީގެ ޗެއާޕާސަންކަން ކުރި މީހެކޭ. އެކަމެއް ނުކުރާނަން. ދެވަނަ ކަމަކަށް އަޅުގަނޑު ދެންނެވީ ހިތައް އަރާ އެއްޗެއް ބުނުމުގެ ފުރުސަތު އޮންނަން ޖެހޭނެ'' ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ވިދާޅުވިއެވެ.
މި ސަރުކާރު ބަދަލުވުމާއެކު ޖުމްހޫރީ ޕާޓީއަށް މޫސުމީކޮށް ބައެއް ބޭފުޅުން ގުޅިވަޑައިގަންނަވަމުންދާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެކަމަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެހެން ނަމަވެސް އަމިއްލަ ނިންމުން ނިންމުމުގެ ބާރު އޮންނަ ޖެހޭ ކަމަށެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، އިސްލާހަށް ކުރަމުންދާ މަސައްކަތް ނިމޭނީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިސަރުކާރު ކޯލިޝަނަށް ކާމިޔާބުވުމުން ކަމަށެވެ. އަދި އެ މަޖިލީސް ނުގެނެވެނީސް ރައީސް ޔާމީނުގެ އަނިޔާވެރިކަން އަދިވެސް އޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމިންގެ އަނިޔާވެރިކަމަށް މިސާލު ޖައްސަވަމުން އަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ބިލްތައް ފާސްނުވެ ދިޔުމަކީ އޭގެ ނިޝާނެއް ކަމަށާއި، އެއްވެސް ބިލެއް ފާސްކުރުމަށް ކޯލިޝަންގެ ސަރުކާރުގެ އެއްވެސް ޕާޓީއަކަށް ރައީސް ސޯލިހު ސަލާން ޖަހަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އަލީ ވަހީދު، ނިޔާއަށް ތާއިދު ކުރައްވަން ނިންމަވާފައިވާއިރު ޖޭޕީން ތާއިދު ކުރަނީ އެ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިފުޅު އިބްރާހިމް ފައިސަލްއަށެވެ.
އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވިއިރު ޖޭޕީން ކުރިއަށް ގެންދާ އެއްވެސް ސިޔާސީ ހަރަކާތެއްގައި މި ފަހަކަށް އައިސް އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.