ލަތީފާ ގާސިމްގެ މަގާމް ގެއްލޭތީ، އަނބުރާ ކޮމިޓީއަށް ފޮނުވާލި ގާނޫނީ ޚިދްމަތުގެ ބިލްގެ ރިޕޯޓް އަލުން ހުރިހާ މާއްދާއެއް ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ގާނޫނީ ހިދުމަތުގެ ބިލް އަލުން ކޮންމެ މާއްދާއެއް ދިރާސާކުރުމަށް ނިންމީ ބުރާސްފަތިދުވަހު ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ދިރާސާކުރަން ފެންނަ ކަަމަށް ވޯޓް ދެއްވުމާ ގުޅިގެންނެވެ. ކޮމިޓީގެ ރިޕޯޓްގެ ހުރިހާ މާއްދާއެއް އަލުން ދިރާސާކުރަން ހުށަހެޅުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
ގާނޫނީ ހިދުމަތުގެ ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު، ކޮމިޓީގެ ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބިލަށް ވޯޓަށް ނާހައި މަޖިލީހުގެ ރިޔާސަތުން އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާފައި ވަނީ 25 ފެބްރުއަރީގައެވެ. ރިޕޯރޓް، ކޮމިޓީއަށް އަނބުރާ ފޮނުވާލަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ، ކޮމިޓީގެ ރިޕޯޓާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރެގެން ގިނަ ބަޔަކު އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ބިލް ކޮމިޓީއަށް ފޮނުވި ފަހުން ކޮމިޓީގެ ބައްދަލުވުމެއް ފުރަތަމަ ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ ގާނޫނީ ޚިދްމަތުގެ ބިލް ދިރާސާކުރުމަށް ފަހު ކޮމިޓީން ނެރުނު ރިޕޯޓްގައި މައްސަލަތަކެއް ހުރެގެން، އެކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއާ ހިއްސާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިން ހިމެނޭ ކަމަށެވެ. އެހެންކަމުން ކޮމިޓީން ނިންމާފައިވާ ރިޕޯޓާ ދޭތެރޭ އަމަލުކުރަންވީ ގޮތެއް ނިންމުމަށް ކޮމިޓީގެ މެމްބަރުންގެ އަރިހުން މުގައްރިރު ވަނީ އެދިވަޑައިގެންފައެވެ.
ބިލްގައި ކަންބޮޑުވުންތަކެއް ހުރެ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީ ޚިދްމަތުގެ ބިލް ފާސްވުމާ އެކު މަޤާމް ގެއްލިގެންދާ ލަތީފާ ގާސިމް ހިމެނެއެވެ. ލަތީފާ ޤާސިމްއަކީ ގާނޫނީ ވަކީލުންގެ ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި އިންނަވާ މެމްބަރެއެވެ. ލަތީފާ ހުށަހެޅުއްވި މައްސަލަ އިސްކަމެއް ދެއްވައިގެން މުޅި ކޮމިޓީގެ ރިޕޯޓް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނާތީވެ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ބިލް ދިރާސާކުރަމުން ދިޔައިރު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޤާނޫނީ ވަކީލުންނަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ލަތީފާ ގާސިމް އެ މުއްދަތުގައި އެއްވެސް ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާކަން އިންތި ފާހަގަކުރެއްވިއެވެ. އިންތި ވިދާޅުވީ އޭރު އެއްވެސް މައްސަލައެއް ހުރި ކަމަށް ހުށަނާޅައި، މިހާރު ލަތީފާ އެ މައްސަލަ ހުށަހަޅުއްވައިގެން އުޅެނީ އޭނާގެ އަމިއްލަ މަސްލަހަތު އޮވެގެން ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މުޅި ރިޕޯޓް ދިރާސާކުރަން އޭނާއަށް ނުފެންނަ ކަމަށާއި، މުޅި ރިޕޯޓުން އިސްލާހު ކުރަން އޮތީ އެންމެ މާއްދާއެއް ކަމަށެވެ. ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އިންތި ހުށަހެޅުއްވީ ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަ މެމްބަރުގެ މަގާމް ގާނޫނީ ހިދްމަތުގެ ބިލް ފާސްވުމާއެކުގައި ނިމުމަކަށް އަންނާނެ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް، އޭގެ ބަދަލުގައި ގާނޫނީ ހިދްމަތުގެ ބިލް ފާސްވެ ބާރ ކައުންސިލުން އެ ގޮތަށް ނިންމުމުން މެނުވީ އެ މަގާމް ނުގެއްލޭ ގޮތަށެވެ.