ބަޣާވާތުގެ އަސްލަކީ ރައްޔިތުންގެ މަޖިލީސް ފެއިލްވުން ކަމަށާއި އެހެންކަމުން އެމްޑީޕީއަށް މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ލިބެންޖެހޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. މަތިވެރި ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން ޒަރީރުގެ ކެމްޕެއިންގައި އެދާއިރާގެ ބޮޑުފޮޅަދޫގައި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ވެސް އައިސްފި ކަމަށާއި އަދި އެސަރުކާރު ވައްްޓާވެސް ލައިފި ކަމަށެވެ. ކަންތައްތައް ވެފައިވާ ގޮތާއި ވަމުންދާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމާ ވަޒީރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ނަގަނީ. ސައުކާރު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލެނީ. ސަރުކާރުގެ މައްޗަށް ގެއްލެނީ، އެހެން ކަންތައް ވެގެން ދިޔައިމާ ފަނޑިޔާރުގެ ތަކުން ހުކުމް އިއްވަން ފަށަނީ ސިޔާސީ ކުލަ ޖެހިގެން. އެއާއި އެކުގައި ފުލުހުންނާއި ސިފައިންގެ އިތުބާރު ސަރުކާރަށް ގެއްލިދަނީ. ދެން ރިޝަވަތުގެ ހުތުރު ފައިސާ. ބަޣާވާތް ކުރަން ފަރިތަ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ބައިވަރު. އެރިޝްވަތުގެ ހުތުރު ފައިސާ އާއި އެކީގައި ސަރުކާރު ބަދަލު ކުރަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވަނީ އެހެންވެ ކަމަށެވެ. އަދި މެޖޯރިޓީ އެމްޑިޕީއަށް ދިނުމަށް އިންތިހާއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ބޭނުމަކީ ހަމަޖެހޭ ވެރިކަމެއް އަދި ތަރައްގީއަށް ހެޔޮ ވެރިކަމެއް ރާއްޖޭގައި ހިންގުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ގޮނޑިއެއް ރީނދޫ ވަމުން އަންނަ ތަން ފެންނާނެކަމަށާއި އެމްޑީޕީން މާލެއާއި އައްޑޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ.