ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފިއެވެ.
ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ސިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ސިއްރު މައްސަލައެއްގެ ގޮތުގައި ކަމަށާއި، ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ.
ކޯޓު އަމުރުގެ އިސްތިއުނާފު މައްސަލަތައް ހައި ކޯޓުން އަދިވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ހައްޔަރުކުރަން ނެރުނު އަމުރަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި ކުރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ.
އަޑުއެހުންތައް ނިންމާލާފައިވާތީ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެއެވެ. ހުކުމް އިއްވާނެ ވަކި ތާރީޚެއް އަންގާރަ ދުވަހުގެ އަޑުއެހުންތައް ނިންމާލިއިރު ނިންމާފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.
އެ ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ހެކިންނަށް ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅުއްވި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވަކީލާ ވިދާޅުވިއެވެ
ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވަނީ ޔަމީން ޖަލުގައި ނުބޭންދޭނެ ކަމަށް ވިދާޅުވެ، ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.