ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާއި ހަވާލުކޮށްގެން ރަސްފަންނު ސަރަހައްދުގައި އެޅުމަށް ނިންމި 100 މީޓަރު އުސް ކޮރެލް ބުލެވާޑް ހުޅުމާލެއަށް ބަދަލުކުރުމަށްޓަކައި އެ ކޮންޓްރެޓް ހަވާލުކުރި ފަރާތާއި މަޝްވަރާ ކުރެވެމުންދާ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ، ހައުސިން މިނިސްޓްރީން ހުށައެޅި ހުށައެޅުމަށް އިޖާބަދީ ޗަންހުއާ ކުންފުންޏާއެކު ދެ ފަހަރެއްގެ މަތިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ އެމަގު ހުޅުވާލުމާއި ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިޔަށް ދަނީ އެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރާނެ ސަރަހައްދު ބަލައި އެޗްޑީސީއާއެކު މަޝްވަރާ ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
''އުސޫލެއްގެ ގޮތުން އެ ބޭފުޅުން އެއްބަސް މިކަމަށް. އެހެން ނަމަވެސް ހުންނާނެތާ ޑީޓެއިލްސް. ކޮންތަނަކަށްތޯ ބަދަލު ކުރާނީ. ތަނުގެ ސައިޒާއި. އެކަންތައްތަކާއި މެދު ބޮޑަށް މަޝްވަރާ މިކުރެވެނީ މިހާރު'' އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އިމާރާތް ބަދަލު ކުރުމަށް މާގިނަ ދުވަސް ތަކެއް ނުނަގާނެ ކަމަށާއި، ބޭނުމަކީ ވީހާވެސް އަވަހަކަށް އެކަން ވެގެން ދިޔުން ކަމަށެވެ.
ރަސްފަންނު ސަރަހައްދުގައި 350 ފްލެޓްއާ އެކު ހަދާ 25 ބުރީގެ ހަތަރު ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.