އެމްޑީޕީގެ ކުލަ އާއި ލޯގޯ ބޭނުންކޮށްގެން ކެމްޕެއިން ކުރާ ކެންޑިޑޭޓުންނަކީ ޝަހުސު އޮޅުވާލައިގެން އުޅޭ ބައެއް ކަމަށާއި އެ މީހުން ބުނަމުން ދަނީ "ތިމަންނާއަކީ އެހެން މީހެއް" ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭނުން ކުރަމުންދާ ބައެއް ތަކެތި، ނަކަލު ކޮށްގެން އިދިކޮޅު ކެންޑިޑޭޓުން ބޭނުން ކުރަމުންދާތީ އެ ކަމަށް ފާޑުވިދާޅުވެ، ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު މުސްތަފާގެ ކެމްޕެއިން ލޯންޗު ކުރުމަށް ހޯމަ ދުވަހު ރޭ ބޭއްވި ހަފްލާއެއްގައެވެ.
ހަގީގަތް އޮޅުވާލައިގެން ކެމްޕެއިން ކުރަމުންދާ ފަރާތްތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ވަގެއް، ވާނީ ވަގަކަށް ކަމަށާއި ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދު ނުވާނެ ކަމަށެވެ.
"މި ދައްކަވާ ވާހައަކީ ތިމަންނާއަކީ ތިމަންނާއެއް ނޫނޭ. ތިމަންނާއަކީ ތިމަންނާނެ ޝަހުސު އޮޅުވާލައިގެން ހުރި އެހެން މީހެކޭ. ދެން ތިމަންނާ ޖަހާ ލޯގޯ ވެސް، އެމްޑީޕީގެ ލޯގޯގެ އެއް ފައި ކައްޓަށް ކުޑަކޮށް ދަމާލާފައި، ތިމަންނާ ބޭނުން ކުރާ ކުލަ ވެސް އެމްޑީޕީ ރީނދޫކުލައިގެ ކުޑަކުޑަ ބަދަލެއް ގެނެސް އޮންނަ ކުލައެއް. ތިމަންނާ ވާހަކަ ދައްކާ ގޮތް ވެސް އެންމެ ފަހުން އެމްޑީޕީ ގޮތަށް ބަދަލު ވަނީ. ތިމަންނާ މި ބުނަނީ ތިމަންނާގެ ފިކުރާއި ހިޔާލު ވެސް ބަދަލޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓް ނޫން މީހަކަށް، ޕާޓީގެ މެމްބަރުން ވޯޓު ދިނުމަށް ނިންމުމަކީ ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުން ކަމަށެވެ. ތިލަފަތަށް ވޯޓު ދިނުމަކީ "އެމްޑީޕީގެ ނިޒާމެއް" ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓް ނޫން މީހަކަށް އެމަނިކުފާނު ތާއިދުކޮށްފާނެ ކަމަށް ބުނާނަމަ، އެއީ ބަދު ބަހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތިލަފަތަށް ވޯޓު ދިނުމުގެ ނިޒާމު، މި ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރާ އެންމެހައި ބޭފުޅުން، ޕާޓީގެ ހުރިހައި މެމްބަރުން މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިނުމުގެ ނިޒާމު އެ ނޫން ގޮތަކަށް ޕާޓީގެ އެއްވެސް މެމްބަރަކު ކުރުމަށް ހިޔާރުކޮށްފިނަމަ، އެއީ ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"...އަޅުގަނޑު އެހެން މީހަކަށް ތާއިދުކޮށްފާނެ ކަމަށް، ތިބޭފުޅުންނަށް ފެނިވަޑައިގަންނަވަންޏާ، އެއީ ބުނެވޭ ވަރަށް ބޮޑު ބަދުބަހެއް. އަޑުއަހާކަށް ބޭނުމެއް ވެސް ނޫން. އަދި ތި ބަހުސްގައި ބައިވެރިވާކަށް ބޭނުމެއް ވެސް ނޫން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު، ތިމަރަފުށީ ދާއިރާއަށް ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވި މުސްތަފާ ނެތް ކަަމަށް ބުނެ، ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު މުސްތަފާއަށް ތާއިދު ނުކުރާނެ އެއްގޮތެއް ވެސް ނޯންނާނެ ކަަމަށެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިންގައި ހޯމަ ދުވަހުގެ ރޭ ރައީސް ސޯލިހަށް ބައިވެރިވެވަޑައި ނުގެންނެވުނު ސަބަބު ރައީސް ނަޝީދު ވަނީ ސާފުކޮށްދެއްވާފައެވެ.
"ޔޫރަޕް އިއްތިހާދުގެ ހުރިހާ އެމްބެސެޑަރުން، މިވަގުތު ރާއްޖޭގައި އެބަ ތިއްބެވި. އެ މީހުންގެ ބައްދަލުވުން ނިމެން އޮތީ މިރޭ [ހޯމަ ދުވަހުގެ ރޭ] 8:30އަށް. އެހެން ނަމަވެސް އެ ދިގުދެމިގެން ގޮސްފި. އަޅުގަނޑު މަޑުމަޑުން މިއައީ ނުކުމެގެން. ރައީސަކަށް އެތަނަކުން ނުނުކުންނެވުނު،" ރައީސް ނަޝީދު ވިދާޅުވިއެވެ.