ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ވޯޓު ނުދީފިނަމަ އެއީ ސިޔާސީ ނިޒާމް ގަޑުބަޑުކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއއެވެ.
ހުވަދު އަތޮޅު އުތުރުބުރީ ދާއިރާތަކުގެ އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕޭން އިފްތިތާހު ކުރުމަށް ހޯމަ ދުވަހުގެ ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ނިޒާމް ގަޑުބަޑު ވެއްޖެ ނަމަ ހަމަޖެހޭ ވެރިކަމުގެ ނިޒާމެއް ނުގެންގުޅެވޭނެ ކަމަށެވެ. އަދި މި ސިޔާސީ ނިޒާމް ގަޑުބަޑު ކުރުމުން ރައްޔިތުން އެދޭ ބަދަލާއި، ރައްޔިތުން އެދޭ ގައުމިއްޔަތު ނުހޯދޭނެ ކަމަށެވެ.
އެޖެންޑާ 19 ގެ ބޭނުމަކީ ދިވެހިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ކުރުއްވިކަމަކީ އަދި މިއަދުވެސް ކުރައްވަން ނުކުމެ ހުންނެވި ކަމަކީ ސިޔާސީ ޕާޓީއެއް ބިނާކުރުމުގެ މަސައްކަތްކަމަށާއި ދިވެހރާޢްޖޭގައި ހަމަޖެހޭ ސިޔާސީ ނިޒާމެއް ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނެ ނިޒާމެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަސައްކަތުގެ އެންމެ ބޮޑު އަސާސަކީ ކެނޑިޑޭޓުން ކަނޑައެޅުމުން ދެ ލޯމަރާފައި ގޮސް އެ ކެނޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ލޯގޯ އަށް އެހެން ގޮތެއް ހަދާލާފައި އަޅުނޑުމެންގެ އެކިއެކި ފިއްޔަށް ބަދަލު ގެނެސްފައި އަޅުގަނޑުމެންގެ އެކިއެކި ކުރެހުމަށް އެކިއެކި ނިޝާނަށް ކުޑަކުޑަ ގޮތެއް ހަދާލައިގެން އުޅުނަސްވެސް އެއީކީއެއް އަޅުގަނޑުމެނެއް ނޫން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން. އަޅުގަނޑުމެންނަކީ އެމްޑީޕީ، އަޅުގަނޑުމެންނަކީ އަބަދުވެސް ތިލަފަތުގެ މީހުން. އަޅުނގަނޑުމެންނަކީ އިންސާފަށް ލޯބިކުރާ މީހުން. އިރާދަކުރެއްވިއްޔާ މި އިންތިޚާބު މާބޮޑުތަނުން ކާމިޔާބު ކުރާނެ" ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ނޫން ބައެއް ބައެއް މެމްބަރުން އެމްޑީޕީ ކުރެހުންތަކާއި ކުލަތައް ބޭނުންކޮށްގެން ކެމްޕެއިން ކުރައްވާތީ އެކަމަށް އިޝާރަތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.