ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ހަފްތާގެ ތެރޭގައި ރާއްޖޭގެ ތިން އަތޮޅަކަށް ވަޑައިގަންނަވާނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
މަޖިލީސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގައިި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަމުންގެންދަވާއިރު، ނިމިދިޔަ ހަފްތާ ބަންދުގައި އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގެންނެވީ އައްޑޫ ސިޓީގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަޖިލީސް އިންތިހާބުގެ ކެމްޕޭންގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ އަފްޝަން ލަތީފް ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ސޯލިހް ވ. އަތޮޅަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެއަށްފަހު ހުކުރު ދުވަހު އެމަނިކުފާނު ޅ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި، ހޮނިހިރު ދުވަހު އެމަނިކުފާނު ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އަފްޝަން ވިދާޅުވި އެވެ.
ރައީސްގެ ކެމްޕެން ދަތުރުފުޅުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީންނެވެ.
އެމްޑީޕީގެ ފަރާތުން ކުރިއަސް އޮތް މަޖިލީސް އިންތިހާބުގައި 86 ކެނޑިޑޭޓުން ވާދަކުރައްވަ އެވެ.