ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސްތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ވޯޓު ކަރުދާސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. އެ އިއުލާނާއި ގުޅިގެން ވޯޓު ކަރުދާސް ޕްރިންޓްކޮށްދޭން ހުށަހެޅީ ދެ ކުންފުންޏަކުންނެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްތައް ޕްރިންޓްކުރި އެމް ސެވަން އަދި އޭގެކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ޕްރިންޓްކުރި ނޮވެލްޓީ ޕްރިންޓާރސް އިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މީގެކުރިން ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގެންފައި ނުވާތީވެ އެ އިޢުލާނު ބާޠިލްކޮށްފައިވާކަމަށެވެ.
ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައިވަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 35,000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަސް ކަމަށާއި، ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 5 ޕަސެންޓް ކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އެ އިއުލާންގައިވާ ގޮތުން ބީލަން ހުޅުވުން އޮންނާނީ މި މާރޗް 13 ވާ ބުދަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަންގަ އެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.