ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ރާއްޖޭގައި ނެހެދޭ ޓެސްޓްތަކެއް ހެދުމަށް ޔާމީންއަށް ޑޮކްޓަރު ލަފާދެއްވި ކަމުގައިވީ ނަމަވެސް، ޔާމިން ގައުމުން ބޭރަށް "ފިއްލަވައިގެން" ދާން ބޭނުންފުޅު ނުވާ ކަމަށެވެ.
"ރައީސްގެ ސިއްހީ ހާލުކޮޅާ ދޭތެރޭ އާއިލާއިން ވެސް އަދި އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވާ ހިސާބަށް ގޮސްފައި އޮތީ، ޑޮކްޓަރުން މިހާރު ވަނީ ރާއްޖެއިން އިތުރަށް ހަދަން ޖެހޭ ޓެސްޓްތައް ނެހެދޭނެ ކަމަށް ލިޔުން ވެސް ދީފަ" އަދުރޭ ވިދާޅުވި
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ މި މައުލޫމާތު ފޯރުކޮށް ދިނީ ޔާމީންގެ އާއިލާއިން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ޔާމީން ހައްދަވަން ޖެހެނީ ކޮން ޓެސްޓްތަކެއް ކަމުގެ ތަފްސީލު ދެއްވަން ދެކޮޅު ހައްދަވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޓެސްޓްތައް ހަދަން ޑޮކްޓަރުން ލަފާދެއްވި ކަމުގައިވީ ނަމަވެސް ޔާމިން އެދިލައްވަނީ ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށެވެ. އަދި އެ މަނިކުފާނުގެ ސިއްހީ ހާލަތު މިހާ ދަށްވެގެން ގޮސްފައި ވަނީ ބަންދުކޮށްގެން އެކަހެރި މާހައުލެއްގައި ގެންގުޅުއްވާތީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"އެކަހެރި ކޮށް މިހާރު ކިތަށް ދުވަސްތޯ މިވީ؟ ގާތްގަނޑަކަށް މަހެއްހާ ދުވަސް މިވަނީ، އެކަހެރިކޮށް ޖަލުގައި ބަހައްޓާތާ އިނގޭތޯ. ދެން ޖަލުގައި ބަހައްޓާފަ އެއްވެސް ކަހަލަ ކަސްރަތެއް ނުކުރެވި އަސާސީ އެތައް ހިދުމަތްތަކުން އެ މަނިކުފާނު މަހުރޫމުވެ ހުންނާތީ ސިއްހީ ހާލުކޮޅު ގޯސް މި ވަނީ" ސައީދު ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޔާމީން ޖަލަށްލާފައި ވަނީ ހެކިންނަށް ރިޝްވަތު ހުށައަޅައި، ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައިވެއެވެ. މިހާރު ވެސް އެމަނިކުފާނު އޮންނެވީ ހޮސްޕިޓަލުގައެވެ. ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް އަޑުއެހުން ވަނީ އަންގާރަ ދުވަހަށް ތާވަލުކޮށްފައެވެ.