ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުގައި ހުރި މައްސަލައަށް ސިޔާސީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ޕީޕަލްސް ކޮންގްރެސްގެ ރައީސް އަބްދުﷲ އަބްދުލްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ސޯލިހު މިހެން ވިދާޅުވީ ޔާމިން މިނިވަންކޮށް ދިނުމަށް އެދި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ކަމަށެވެ.
"އެ މަނިކުފާނު ހުދު އަޅުގަނޑުމެން ގާތުގައި އެއްބަސްވެ ވަޑައިގެންނެވި މިކަމުގައި ސިޔާސީ ގޮތުން ހޯދޭނެ ހައްލު އެބަހުއްޓޭ. އެހެން ވިދާޅުވީމަ އަޅުގަނޑުމެން އެއޮތީ ސިޔާސީ ގޮތުން ކަންކަން ހައްލުކުރެވޭނީ އެއް މޭޒު ދޮށަކަށް އައިސްގެންނޭ، ވާހަކަދައްކައިގެންނޭ މިކަން ކުރެވޭނީ. އެ މަނިކުފާނު އިސްވެ ވިދާޅުވީ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ ހައްލެއް ހޯއްދަވައި ދެވޭނެ ކަމަށް ވިދާޅުވީ ރައީސް ސޯލިހުގެ އަމިއްލަފުޅު އިސްނެގުމުގައި ކަމުން، މިކަމުން ވެސް ޔަގީންވެގެންދާ ކަމަކީ ޔާމިން ހުންނެވީ ސިޔާސީ ބަންދެއްގައި ކަން ކަމަށެވެ. އަދި މިއީ އަންނަ އެޕްރިލް ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެއީ (ރައީސް ޔާމިން ހައްޔަރުކުރުމަކީ) އިދިކޮޅު ޕާޓީތަކަށް ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ލިބުނަ ނުދިނުމަށްޓަކައި ކޮށްގެން އުޅޭ ކަމެއް. އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި ކޮށްގެން އުޅޭ ކަމެއް. އަޅުގަނޑުމެންގެ ރައީސް، ރައީސް ޔާމިން، ސަލާމަތުން ހުރެގެން އަޅުގަނޑުމެންނާއި އެކީ މަސައްކަތް ކުރީމަ މިއަދުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެކަން ކަށަވަރު ވާތީ ކުރާ ކަމެއް" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނަށް ގުޅައިގެން ވެސް ޔާމީންގެ މައްސަލާގައި އެއްވެސް ކަހަލަ އަލިމަގެއް މިހާތަނަށް އައި އިރު ލިބިފައި ނުވާ ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަރެކްޝަންސްގެ އިސްވެރިޔާއަށް ގުޅައިގެން ވެސް ޔާމިންގެ މައްސަލާގައި އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އޯލް ޕާޓީ ޓޯކްސްއަށް އެދި މީގެ 15 ދުވަސް ކުރިން ރައީސް އޮފީހަށް ސިޓީ ފޮނުއްވަވާފައި ވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ރައީސް އޮފީހުން އެކަމަށް އެއްވެސް ކަހަލަ ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިހާރު ޕާޓީ ޓޯކްސްއަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފަ. އެ ފޮނުވިތާ މިހާރު 15 ވަރަކަށް ދުވަސް ވެދޭނެ. 15 ވަރަކަށް ދުވަސްވީ އިރުވެސް އަޅުގަނޑުމެންނަށް އެއަކަށް ޖަވާބެއް ނުލިބޭ" އަދުރޭ ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޔާމީން ޖަލަށްލާފައި ވަނީ ހެކިންނަށް ރިޝްވަތު ހުށައަޅައި، ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައިވެއެވެ. މިހާރު ވެސް އެމަނިކުފާނު އޮންނެވީ ހޮސްޕިޓަލުގައެވެ. ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް އަޑުއެހުން ވަނީ އަންގާރަ ދުވަހަށް ތާވަލުކޮށްފައެވެ.