ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރެވޭނީ ފްލެޓްތަކާއި ރޯހައުސް ނުވަތަ ބިމުގެ ވެރިންނަށް އެކަނި ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހޯމަ ދުވަހު އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ އެ ކޯޕަރޭޝަންގެ 94/2018 އިއުލާނުން ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލްގެ ދަށުން ގަރާޖް ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށް ފަހު އެ އުސޫލް މުރާޖާކޮށްފައިވާ ކަމަށެވެ.
އެ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގެ ގޯތި، ރޯ ހައުސް އަދި ޕްލެޓަކަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބި/ ފިރި/ ދަރިން/ މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަންޏެވެ.
މި އުސޫލްގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާންގައި ވެއެވެ. އަދި އެ ޕޯޓަލްއަށް ލޮގިންވުމުން "ހުޅުމާލެ އަށް އުޅަނަދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލް" އަދި "ހުޅުމާލެ އަށް އެއްގަމު އުޅަނަދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
ހުއްދައަށް އެދޭ ފަރާތްތައް ފޯމް ފުރުމަށް ފަހު ހުށަހަޅާންޖެހޭ ލިޔެކިޔުންތަކާ އެކު ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ބުދަ ދުވަހު ހެނދުނު 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅޭނެ ކަމަށާއި މި ތާރީޚުން ފެށިގެން އެޕްލިކެޝަން ފޯމް އެ ކޯޕަރޭޝަންގެ ކައުންޓަރުން ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލެ އަށް އެތެރެކުރާ އުޅަނދުފަހަރުގެ އަދަދު އިންތިހާ އަށް އިތުރުވެފައި ވަނިކޮށް އެޗްޑީސީން ވަނީ ވަގުތީ ގޮތުން އެ ކަމަށް ހުއްދަ ދިނުން މެދުކަނޑާލާފައެވެ.