މަދަނީ ޖަމިއްޔާތަކުގެ ފެއަރ ''ހަވަލި''ގައި 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވެއްޖެއެވެ.
ހޯމް މިނިސްޓްރީން ބުނީ މި މަހުގެ 16 އިން 18 އަށް ދަރުބާރުގޭގައި ބާއްވާ މި ފެއަރގައި ވ. އަތޮޅު ފިޔަވާ އެހެން ހުރިހާ އަތޮޅަކުން ބައިވެރިވި ކަމަށާއި، ސަތޭކަ އަށް ވުރެ ގިނަ ޖަމިއްޔާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ސްޓޯލްތައް ހަދައިގެން ކުރިއަށްގެންދާ މި ފެއަރގައި ޖަމްއިއްޔާގެ މަސައްކަތްތަކާއި، ޖަމްއިއްޔާތަކުގެ މައުލޫމާތުދިނުމުގެ އިތުރުން އާންމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ޖަމިއްޔާތަކަށް ޚާއްސަކޮށްގެން ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓް ހެދުމާއި، ވަރކް ޕްލޭން ހެދުން އަދި ބަޖެޓް ހެދުން ފަދަ ކަންކަމަށް އިތުރު ތަމްރީން ދޭނެ ކަމަށެވެ. މިނިސްޓްރީން ބުނީ ސެޝަންތަކުގައި މައުލޫމާތު ދޭނީ ތަފާތު ދާއިރާތަކުގެ ތަޖުރިބާހުރި ބޭފުޅުންނަށް ކަމަށެވެ. އަދި މިފެއަރގައި ކޮމިއުނިޓީގެ ތަރައްގީގައި ޖަމިއްޔާތަކަށް އަދާކުރެވޭނެ ދައުރާއި، ދަނޑުވެރިކަމުގެ ދާއިރާ، ކޮމިއުނިޓީގެ ތަރައްގީގައި ޒުވާނުންގެ ދައުރު، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުން އަދި ރާއްޖޭގެ އާސާރީ ތަންތަން ހިމާޔަތްކުރުމާއި، އެތަންތަނުގެ މުހިންމުކަމާ ބެހޭ ގޮތުން ސެޝަންތައް ނަގައިދޭނެ ކަމަށެވެ.
"ހަވަލި" ފެއަރގެ ޚާއްސަ ކަންކަމަށް އަލިއަޅުއްވާލައްވާ ހޯމް މިނިސްޓްރީން ބުނީ ފެނުމުގެ ހިއްސުން މަހުރޫމް ވެފައިވާ ފަރާތްތަކަށް ބުކްލެޓްގެ އޯޑިއޯ ސީޑީ "ލޯ" ފޯރުކޮށްދޭނެ ކަމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ގޮތްތައް އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިފެއަރގައި މި މަހުގެ 17 ވަނަ ދުހު ވިޔަފާރިތަކާއި، ކުންފުނިތަކަށް ޚާއްސަކޮށްފައިވާއިރު، 18 ވަނަ ދުވަހު ސްކޫލު ކުދިންނަށް ވަނީ ޚާއްސަކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ މިފެއަރގެ މަގުސަދަކީ އެއް ދާއިރާއަކުން މަސައްކަތްކުރާ ޖަމްއިއްޔާތައް ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ވިޔަފާރިވެރިންނާ ގުޅުވައިދިނުމާއި، އެހިދޭ ފަރާތްތަކާ ގުޅުވައިދިނުމުގެ އިތުރުން ގުޅުންތަކުގެ ތެރެއިން އިތުބާރު އުފެއްދުން ކަމަށެވެ. އަދި ޖަމްއިއްޔާތަކުގެ ހަރަކާތްތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ދަރުމަވެރިން އިތުރުކުރުން، ވޮލަންޓިއަރުންގެ މުހިންމުކަން އަންގައިދޭނެ ކަމަށެވެ.
މިފެއަރގައި ސްޓޯލްތައް ހުޅުވިފައި ހުންނާނީ 13:00 ން 18:00 އަށް އަދި 2000 ން 22:30 އަށެވެ.