ރާއްޖޭގެ ޖަލުގެ ހާލަތު ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ވަފްދާ އެކު މަޝްވަރާކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲގެ އަރިހަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ވަފްދެއް ހޯމަ ދުވަހު ޒިޔާރަތުގައެވެ.
މި ޒިޔާރަތުގައި ރާއްޖޭގެ ކުށުވެށި ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި، މަސްތުވާތަކެތިން މީހުން ސަލާމަތްކުރާނެ ގޮތްތަކުގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާގައި މަޝްވަރާ ކުރެވުނު ކަމަށް ނަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ވަފްދުން އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ނަޒީރު ވިދާޅުވީ މިވަފްދާ އެކު ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުން ކަމަށާއި، މިބައްދަލުވުމުގައި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބައްދަލުވުންތައް ބޭއްވި ފުޅާދާއިރާގައި މަސައްކަތް ކުރެވޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.