ކ. ހިންމަފުށިން މަސްތުވާތަކެއްޗާ އެކު 36 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންމަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިމަހުގެ 9 ވަނަ ދުވަހުގެ ހަވީރު 16:25 ހާއިރު ހިންމަފުށީ އުތުރުފަރާތު އަތިރިމަތިން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭނާއަށް ފުލުހުންފެނުމާ އެކު އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލުމުން ފުލުހުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 25 ރަބަރުޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްވަނީ ދީފައިވާ ކަމަށެވެ.
މި މައްސަލަ ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.