ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ހުޅުވާފައިވާ ނިއުޕޯރޓް ވިއު ހުސްކުރަން އެތަނުގެ ވެރިފަރާތަށް ސަރުކާރުން އަންގައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒުވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލުކޮށްފައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އެތަނުގެ އެގްރިމެންޓް ހަދާފައިވާ ގޮތުން އެއް މަހުގެ ކުލި ސަރުކާރަށް ނުދެއްކިއްޖެ ހާލަތެއްގައި ތަން ހުސްކުރަން އެންގިދާނެއެވެ.
ތަނުގެ ކުލީގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަމުން އައި ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ 8 އަހަރަށެވެ.
ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.
ނިއުޕޯޓް ވިއު ހުސްކުރަން އެންގުމުން އެތަނުގެ ބަދަލު ހޯދުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިހާރު އަންނަނީ މައްސަލަ ސިވިލް ކޯޓަށް ވައްދަން ތައްޔާރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުޕޯޓްވިއު ހުސްކުރުމަށް ފަހު ސަރުކާރުން ބޭނުންވަނީ އެތަނުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕާކެއް ހެދުމަށެވެ.