އަހަރެއްގެ މައްޗަށް 20 އަށް ވުރެ ގިނަ ކުދިން ރާއްޖޭން ބޭރުގައި ހިތުގެ އޮޕަރޭޝަން ކުރާ ކަމަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ވައިސް ޗެއަރޕާސަން ފާތުމަތު ލިމްޔާ ވިދާޅުވީ ޗެކަޕް ހެދުމުގެ ހުރިހާ ޚިދުމަތެއް ލިބޭ ކަމަށާއި، ނަމަވެސް ރާއްޖޭގައި ކުޑަ ކުދިންގެ ހިތުގެ އޮޕަރޭޝަން ނުކުރެވޭ ކަމަށެވެ.
އެގޮތުން ހިތުގެ އޮޕަރޭޝަން ކުރުމަށް ކޮންމެ އަހަރަކު 20 އަށް ވުރެ ގިނަ ކުދިން ރާއްޖޭން ބޭރަށްދާ ކަމަށާއި، އާސަންދަ ޚިދުމަތާ އެކު މި އޮޕަރޭޝަން ކުރަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ކަމަށް ލިމްޔާ ވިދާޅުވިއެވެ.
ލިމްޔާ ވިދާޅުވީ އާސަންދައާ އެކު، ޓައިނީ ހާރޓްސް އިން ވެސް އެހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މިއީ ބޮޑު ޚަރަދެއް ދާކަމެއް ކަމަށެވެ.
''ޓައިނީ ހާރޓްސްގެ ފަރާތުން ލޮޖިސްޓިކް ސަޕޯޓް މިދެނީ. ވަކި އަދަދަކަށް ފަންޑިން މިއިންނަނީ ކަނޑައެޅިފައި. އަޅުގަނޑުމެންނަށް ވެސް ފަންޑް ލިބޭ ވަރުން. އެހެންވީމަ އެވްރެޖްކޮށް ދަންނަވާ ނަމަ 20 ކުދިންނަށް އަހަރެއްގެ މައްޗަށް ފަންޑް ކުރެވޭ ސަޖަރީ އަށް ރާއްޖޭން ބޭރަށް ދިއުމަށް،'' ލިމްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަނީ ކުޑަ ކުދިންނަށް ޚާއްސަކޮށް އެންމެ ކާޑިއޮލޮޖިސްޓެއްކަން ފާހަގަކުރައްވައި ލިމްޔާ ވިދާޅުވީ އެހެން ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ދަތިނުވާނެ ކަމަށާއި، ޓައިނީ ހާރޓްސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.
ލިމްޔާ ވިދާޅުވީ މިހާރު ތުއްތު ކުއްޖާއަށް 24 ގަޑިއިރުވާއިރަށް ސްކްރީނިން ޓެސްޓެއް ހަދާ ކަމަށާއި، މި ޓެސްޓުން ކުދިންގެ މައްސަލައެއް ހުންނަ ނަމަ އެނގޭނެ ކަމަށެވެ.
މީގެ އިތުރުން ލިމްޔާ ވިދާޅުވީ މިޚިދުމަތާ އެކު އައިޑެންޓިފައިވާ ކޭސްތައް ގިނަ ކަމަށާއި، މިއީ ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ކްރިޓިކަލް ނަމަ ވަގުތުން އެޓެންޑްވެ، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓައިނީ ހަރޓްސް އޮފް މޯލްޑިވްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް މަސައްކަތްކުރަމުން އަންނަ ޖަމިއްޔާއެކެވެ.