ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.
ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓުއަމުރުގެ އިސްތިއުނާފް އަޑުއެހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަންގާރަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓުއަމުރުގެ އިސްތިއުނާފް އަޑުއެހުން 12 މާރިޗް 2019 މާދަމާ އަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ތާވަލު ކޮށްފި
— Abdulla Siyaz (@AbdullaSiyaz) March 11, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށާއި ހެކިންނަށް ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅުއްވި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވަކީލާ ވިދާޅުވިއެވެ.
ޔާމީން ހައްޔަރުކޮށްފައިވާތާ 21 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވަނީ ޔަމީން ޖަލުގައި ނުބޭންދޭނެ ކަމަށް ވިދާޅުވެ، ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.