މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅަކީ އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށް ދާ “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 9ން 20ށް ކުރައްވާ މި ދަތުރުފުޅުގައި ''ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން''ގެ 63 ވަނަ ސެޝަންގައި މިނިސްޓަރ ޝިދާތާ ތަގުރީރުކުރެއްވުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މި ސެންޝަންގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން، ރާއްޖޭން ބެއިޖިންގ ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޮރ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން (ސީޑޯ) ތަންފީޒުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ރާއްޖޭން ކުރަމުން ދާ މަސައްކަތްތަކާއި، ބޭރުގެ ގައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޛުކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ވެސް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.