ގާސިމް، ޔާމީންގެ ތާއީދާ އެކު ނުކުންނެވުމުން ވަގުންނާއި ގުޅޭނީ ވަގުންނާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްއާއި ޕީއެންސީގެ 30 މެންބަރުން ހިމެނޭ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވައިފައި ވާތީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައްވާފައި ވުމުން ޣަފޫރު ވިދާޅުވީ ވަގުންނާއި ގުޅޭނީ ވަގުން ކަމަށެވެ.
ޣަފޫރު ވިދާޅުވީ އެފަދަ މީހުން އެކަކު އަނެކަކު ސަލާމަތް ކުރުމަށް ގޮވާލާނެ ކަމަށާއި އަދި އެކަކާ އަނެކަކު ގުޅޭނެ ކަމަށެވެ.
މީގެ އިތުރުން ވެސް ޣަފޫރު ވިދާޅުވީ ހުކުމެއް އައިސްގެން އަދަބެއް ލިބެންޏާ އެ އަދަބެއް ލިބެން ޖެޙޭނީ އިންސާފުގެ ތެރެއިން ކަމަށާއި ޔާމީން ޖަލުގައި ބަންދު ކުރެވިފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.
" ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވާއިރު ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާންޖެހޭނެ ކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް. އަނިޔާވެއްޖިއްޔާ އެ އަނިޔާގެ ބަދަލު އެމީހާގެ ކިބައިން ވެސް ހޯދޭނެކަން އެއީ އިންސާނީ ޠަބީއަތުގައި މިހާތަނަށް ފެންނަމުން އަންނަ މަންޒަރު. އެމަންޒަރެއް ބަދަލެއް ނުކުރެވޭނެ. ބޭން އިންސާފްގެ ކުރިމަތީގައި އިންސާފް ގާއިމް ވާނެކަން މިގައުމުން ފެނިގެން މިދިޔައީ " ޣަފޫރު ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުލްޣަފޫރު ވިދާޅުވި މިގައުމު ބަދަލުވެއްޖެ ކަމަށާއި ރައްޔިތުންގެ ވިސްނުމާއި އެމީހުންގެ ފިކުރު ވެސް ބަދަލުވެއްޖެ ކަމަށެވެ. އަދި ދުވަހުން ދުވަހަށް ގައުމު ދަނީ ކުރިއަށް ކަމަށާއި މިކަމުގައި ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެކު ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވަނީ އެ ބައިމީހުން ބޭނުންވާ ކަންތައް ވުންކަން ފާހަގަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރުކަންވެސް ކުރައްވާ ޣަފޫރު ވިދާޅުވި ރަނގަޅު ސިއްޙީ ނިޒާމަކާއި އަދި ރަނގަޅު ތައުލީމީ ނިޒާމެއް ގާއިމްވެފައި އޮތުމާއި ވަޒީފާގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވާއިރު މި ހުރިހާ ކަމެއްވެސް މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށެވެ
މިސަރުކާރުން ނުކުރެވޭ ކަންކަމުގެ ވާހަކަ ނުދައްކާނެ ކަމަށާއި އެގޮތުން ދުނިޔޭގެ ތަޖުރިބާގެ އަލީގައި މި ގައުމުގައި ހުރި ކަންކަން ރަނގަޅުކޮށް ގައުމުގެ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު އުޅޭވޭނެ ތަނެއްގެ ގޮތުގައި ގައުމު ބައްޓަން ކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން އަމާޒް ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކަން ކުރާނެ ކަމަށާއި އެކަން ކުރުމުގެ ގާބިލް ކަމާއި އެ ވިސްނުން މިސަރުކާރުގައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު ހޭދަ ކުރައްވާފައިވާ އަބްދުލްޣަފޫރު ވިދާޅުވިއެވެ.