ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 23:44
ބާރންލީ އާއި ލިވަޕޫލް މެޗުގެ ތެރެއިން
ބާރންލީ އާއި ލިވަޕޫލް މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާލީގް
ޕްރިމިއާ ލީގް: ބާންލީ ބަލިކޮށް ލިވަޕޫލް ދެވަނާގައި ހަމަޖެހިލައިފި
ބާރންލީ އާއި ވާދަކޮށް ލިވަޕޫލް ކާމިޔާބު ކުރީ 2-4
ލިވަޕޫލް ކުޅުން 30 މެޗުން ލިބުނު 73 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނާގައި

ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބާރންލީ ބައްދަލު ކުރި މެޗު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހު ލިވަޕޫލްގެ ދަނޑުގައި ކުޅުން މެޗު ބާރންލީ އާއި ވާދަކޮށް ލިވަޕޫލް ކާމިޔާބު ކުރީ 2-4 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގެ ހަ ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ ބާރންލީންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޝްލީ ވެސްޓްވުޑްއެވެ.

ބާރންލީގެ މި ލަނޑާއެކެކު ލިވަޕޫލް އެ ޓީމުގެ ޑިފެންސް ރަނގަޅުކޮށް ކުޅުން ވަރުގަދަ ކުރިއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ރޮބާޓޯ ފާރމިނޯ ކާމިޔާބުކޮށްދިން ލަނޑާއެކު ލިވަޕޫލް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންއައީ ލިވަޕޫލްއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ސާޑިއޯ މޭން ކާމިޔާބުކޮށްދިން ލަނޑާއެކު ލިވަޕޫލް ފަހަތުން އަރާ ލީޑް ނެގިއެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުން އިރު 1-2 ގެ ނަތީޖާއަކުން ކުރީގައި އޮތީ ލިވަޕޫލްއެވެ.

ދެ ވަނަ ހާފް ފެށިގެން ބާރންލީ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހެދެމުން އައި ގޯސްތައް ރަނގަޅުކޮށް ބާރންލީން ވަނީ ލިވަޕޫލްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ބާރންލީގެ ހަމަލާތަށް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމުންވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ދެވަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮބާޓޯ ފާރމިނޯއެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑާއެކު ބާރންލީން ވަނީ ފަރަގު ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ފުރަތަމަ މިނެޓު ތެރޭ ބާންލީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ބާރންލީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓޭޖް ވީޑްރާގެ އެހީތެރި ކާމާއެކު ޖޮއާން ބާރގް ގުމޮންޑްސަންއެވެ.

އިތުރު ވަގުތުގެ ބޭނުން ހިފާ ލިވަޕޫލު ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ރަނގަޅު ލީޑެއް ނަގާފައެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޑެނައިލް ސްޓާރރިޑްޖްގެ އެހީތެރި ކަމާއެކު ސާޑިއޯ މޭންއެވެ.

މެޗުގެ ވަގުތު ހަމަވިއިރު ނަތީޖާއަކީ 2-4 އެވެ.

މި ނަތީޖާއާއި އެއްކޮށް ލިވަޕޫލް ކުޅުން 30 މެޗުން ލިބުނު 73 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނާގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް