މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފިއެވެ.
މަންތާ އެއަރ އިން ރާއްޖެ ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯކެޓެވެ. މި ބޯޓަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓެކެވެ. އެ އެއާލައިންގެ ފުރަތަމަ ބޯޓް ގެނެސްފައިވަނީ ނޮވެމްބަރު މަހުއެވެ.
އެތެރޭގެ އުދުހުންތަކަށް މަންތާ އިން 3 މަތިންދާ ބޯޓު ރާއްޖެ ގެނެސްފައިވާއިރު މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ދަތުރު މާލެއިން ކުޑަހުވަދޫ އަށް ފަށަން ނިންމާފައިވާ ކަމަށާއި އެއަށްފަހު ދެން ދަތުރުތައް ފަށާނީ ދަރަވަންދޫ އަދި ތިމަރަފުއްޓަށް ކަމަށެވެ.
ހަލީލް އިތުރަށް ވިދާޅުވީ މަންތާ އެއާގެ ޝެޑިއުލްތައް ރާވަން ނިންމާފައިވަނީ ކޮންމެ ހަ މަހަކުން ކަމަށާއި އެކަމުގެ ސަބަބުން ބުކިންގް ހަދާ ފަސިންޖަރުންނަށް ވަރަށް ބޮޑަށް ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.
މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ތިންވަނަ އެއާލައިން އެވެ. މިވަގުތު އެތެރޭގެ އުދުހުންތަކުގައި މަންތާގެ އިތުރުން ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އަދި ފްލައިމީ ހަރަކާތްތެރިވެ އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް( މަންތާ އެއަރ ) އަށް އެއާލައިން ހިންގުމުގެ ހުއްދަ މިދިޔަ ފެބްރުއަރީ މަހު ދީފައެވެ.
މަންތާ ސީޕްލޭން ދަތުރުތައް މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިދިޔަ އަހަރުތެރޭ ބުނެފައި ވެއެވެ.