އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން، ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) އިން "މަޖިލިސް ބަހުސް" ފަށައިފިއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދާއިރާތަކުގެ ބަހުސް، އާދީއްތަ ދުވަހުން ފެށިގެން، ގެނެސްދޭން ފަށާފައިވާ ކަމަށާއި ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ ބަހުސްގެ ޝެޑިއުލް އާންމު ކުރަމުން ގެންދާ ކަމަށެވެ. މަޖިލިސް ބަހުސްގެ މަގުސަދަކީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރައްޔިތުންނަށް ތައާރަފް ކޮށްދިނުން ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެއް ސުވާލުތަކެއް ހުށަހަޅައި، ކަނޑައަޅާ ވަގުތުގެ ތެރޭގައި ބޭނުންވާ ވާހަކަތައް ދެއްކޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާ 393 ކެންޑިޑޭޓުންނަށް ބާއްވާ މަޖިލިސް ބަހުސް ޕީއެސްއެމުން ކުރިއަށް ގެންދަނީ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ. އާދީއްތަ ދުވަހު އެންމެ ފުރަތަމަ ބާއްވާފައި ވަނީ ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުސްއެވެ.
އެމްޑީޕީ ޓިކެޓުގައި ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި އެ މީހުންގެ އެކައުންޓުގައި ހުރީ ކޮން ފައިސާއެއްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. މަޖިލިސް މެމްބަރެއްގެ ނަޒާހަތްތެރިކަމާ މެދު ޝައްކުތައް ކުރެވޭ ހިސާބުން އެ މީހަކު އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ މެދު ސުވާލު އުފެދި، އޭނައާ މެދު ޝައްކުތައް ކުރެވޭ ހިނދު، އޭގަ އެންމެ ރަނގަޅު ގޮތަކަށް ވެގެންދާނީ އެ މަގާމަކުން އެ މީހަކު އިސްތިއުފާދީ، ދުރަށް ދިއުން. އެގޮތުގައި އަޅުގަނޑު ހުންނާނަން،" ސައްލެ ވިދާޅުވިއެވެ.
ސައްލެއާ ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރުން މުހައްމަދު އިސްމާއިލް ވިދާޅުވީ ހޯރަފުށީ ދާއިރާގެ ރައްޔިތުން ސައްލެ އިންތިހާބުކޮށްފިނަމަ، އުފާ ކުރާނެ ކަމަށާއި ސައްލެއަކީ ގާބިލު ބޭފުޅެއް ކަމަށެވެ.
"މި ޕްލެޓްފޯމް މަތީގައި މި ހުންނެވި އަހުމަދު ސަލީމަކީ ވެސް، ރައްޔިތުން ބަލައިގެންފިނަމަ، އަޅުގަނޑު އެކަމަށް އުފާކުރާނެ ވަރުގެ ގާބިލު ބޭފުޅެއް. އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގަ އާއި މަޖިލީހުގެ ތެރޭގައި ވެސް މަސައްކަތްކޮށްފައި ވާނީ ހިނގަމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޭނުންވި ތަރައްގީ އުލިގަމާއި ތުރާކުނާއި ހޯރަފުއްޓަށް ގެނެސްދިނުމަށް،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.