ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ނުކުންނަވަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމުން އެކަމަށް ދެކޮޅު ހައްދަވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއީދު ކުރައްވައިފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންގެ ތެރެއިން ގާސިމްގެ ނިންމެވުމަށް މައުމޫން ދެކޮޅު ހެެއްދެވިކަން އެނގިގެން ދިޔައީ އަލީ ވަހީދަށް ތައުރީފު ކުރައްވައި، އާދީއްތަ ދުވަހު މައުމޫން ކުރެއްވި ޓްވީޓުންނެވެ. އިސްލާހަށް މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށް، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށް އަލީ ވަހީދު ވިދާޅުވުން މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި އަލީ ވަހީދުގެ އެ ވާހަކަފުޅާ ގުޅިގެން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
Shukriyya. Varah bodah ufaa kuran. https://t.co/tsYQAHOOxJ
— Maumoon Abdul Gayoom (@maumoonagayoom) March 10, 2019
ގުޅިފައިވާ ޕާޓީތައް އެކުއެކީގައި މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، ކޮންމެ ޕާޓީއަކުން ވެސް މަޖިލިސް އިންތިހާބަށް ވާދަ ކުރައްވަނީ ވަކިވަކިންނެވެ. އެގޮތުން އެމްޑީޕީން 86 ގޮނޑިއަށް ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން ތާއީދުކޮށްގެން މީހުން އިންތިހާބަށް ނެރެފައި ވަނީ 46 ގޮނޑިއަށެވެ. އަދާލަތުން އަށް ދާއިރާއަށެވެ. އެމްއާރްއެމުން ވާދަ ކުރަނީ 24 ދާއިރާއަށެވެ.