އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފައިވާ ކަމެއް ނޭނގޭ ކަމަށާއި އޭނާ ހުންނެވީ ރަސްމީ ޗުއްޓީއެއްގައި ކަމަށް އެކަމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ލުތުފީގެ މައްޗަށް ކުރެވޭ މަނީލޯންޑްރިންގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މުއައްވިޒު ވިދާޅުވީ ލުތުފީ ޗުއްޓީގައި ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ޗުއްޓީ ނެގި މުއްދަތާ ގުޅޭ ގޮތުން ވެސް މުއައްވިޒް އެއްޗެއް ވިދާޅެއް ނުވިއެވެ.
"ޗުއްޓީގައި ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެ. އާދެ އަޅުގަނޑުމެންނަކަށް ނެތް މަސައްކަތުން އެކަހެރިވިކަމެއް އަންގާފައެއް. ހަމަ ރަސްމީކޮށް ޗުއްޓީ ނަންގަވާފައިވަނީ." މުއައްވިޒު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ނެރުނު އެމްއެމްޕީއާރުސީގެ ރިޕޯޓް އާންމު ކުރުމުގެ ކުރިން ވެސް ލުތުފީ ހުންނެވީ ޗުއްޓީގައެވެ. އެމްއެމްޕީއާރުސީގެ ރިޕޯޓު ނެރުނުއިރު އަދި އޭނާގެ މައްޗަށް ކުރެވި މަނީލޯންޑްރިންގެ ތަހުގީގު ފުލުހުން ފެށިއިރު އޭނާ ހުންނެވީ މެލޭޝިއާގައެވެ. ލަތީފު އެނބުރި ރާއްޖެ ވަޑައިގެންނެވީ ތަހުގީގުތައް ފެށިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އޭގެ ފަހުން އޭނާ އޮފީހަށް ވަޑައިގެންފައެއް ނުވެއެވެ.
ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގި މާލީ މުއާމާލަތުތަކެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ލުތުފީގެ މަނީލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުތުފީ އަމަލު ކުރެއްވި ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ އެކައުންޓަށް ވަން އެއްމިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް ލުތުފީ ވަނީ އެއްމިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.