އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމްގެ މީހުން ދޫކޮށް ރައީސް ޔާމީން ކޮންޓްރޯލް ކޮށްގެން ހިންގާ، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަލީ ވަހީދު އެހެން ވިދާޅުވީ ރައީސް ޔާމީންގެ ތާއިދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރަން ނިންމެވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވާފައި ވަނިކޮށެވެ. ގާސިމް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީން ވާދަ ކުރާ 32 ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި ޖޭޕީން ވާދަކުރާ 32 ދާއިރާއަކަށް ޔާމީންގެ ތާއީދު ލިބޭނެ ކަމަށެވެ.
ގާސިމްގެ އެ ނިންމެވުމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ދިވެހި ރައްޔިތުންނަށާއި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ވަފާތެރިވުމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ވަޒީރެއް ކަމަށާއި ސަރުކާރު ދިފާއު ކުރާނެ ކަމަށެވެ.
އަލީ ވަހީދު ވަނީ ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަސް ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ބައެއް ވަޒީރުން ގެންދަވަނީ ގާސިމްގެ ނިންމެވުމަށް ފާޑުވިދާޅުވެ، ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.