ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ލަފާ ދީފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖޭޕީގެ ކެންޑިޑޭޓް ނާޒިމްގެ ނަމުގައި އޮންނަ " ނާޒިމްއަފާފް ފައުންޑޭޝަނުން " 19 ވަނަ ރައްޔިތުންގެ މަޖލީހުގެ އިންތިހާބާއި ދިމާކޮށް ދަނގެތީ ދާއިރާގެ ހިމެނޭ ރަށްތަކަށް ވަކި ކަންތަކެއް ކޮށްދޭނެ ކަމަށް ބުނާތީއާއި ކެންޑިޑޭޓް މުޙައްމަދު ނާޒިމުގެ ކެމްޕޭނު ވައިބަރގްރޫޕް ކަމަށްވާ ދަނގެތި2019 ގައި ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުނބާގިޑިގޭގެ ހުރިހާ ޚަރަދެއް ފަންޑުކޮށްދެއްވީ ނާޒިމް އަފާފް ފައުންޑޭޝަނުން ކަމުގައި ބުނާތީ، އެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވާއިރު، އެ މައްސަލައަކީ ރިޝްވަތުގެގ މައްސަލައެއްކަމަށް ބުނެ ، މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ އީސީގައި އެދިފައި ކަމަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާގޮތުން އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެ ފަދަ ހައްގެއްގެ ބޭނުމެއްކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ އެ ނޫންގޮތަކުން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި އިންތިހާބު ފަށާ ތާރީހުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް އިންތިހާބާއި ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓޭއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ފޯރުކޮށްދިނުން ނުވަތަ ކޮށްދޭނޭ ބުނުމަކީ އެ ގާނޫނޫގެ 74 ވަނަ މާއްދާގެ ( ހ ) ގެ 11 އަދި 12 ވަނަ މާއްދާގައި ކުށެއް ކަމަށް ބަޔާން ކޮށްފައިވެއެވެ،
މިކަމާއި ގުޅިގެން މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އެބޭފުޅާގެ ފައުންޑޭޝަނުން ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މައްލސަލައިގެ ބާވަތުން އިތުރު އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. މިމައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް، އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ލަފާދީފައިވާތީ އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ގަސްތުކުރާކަމަށް ވެސް ބަޔާނުގައިވެއެވެ.