މިސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުން ލިބޭ ވޯޓަށް ވުރެ ގިނަވާނީ ގެއްލޭ ވޯޓު ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ 32 ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމާފައިވާ ކަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އަދި ހަމައެއާ އެކު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ޖޭޕީން ވާދަކުރާ 38 ދާއިރާ އަށް ވާދަކުރާނެ ކަމަށް ބުނެފައެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވީ، ޖޭޕީން ޕްރޮގްރެސިވް ކޯލިޝަނާ އެކު ނިންމި ނިންމުމަށް ޖޭޕީގެ އާއްމު މެމްބަރުންގެ އިތުރުން ކައުންސިލް މެމްބަރުން ވެސް ގާސިމްގެ އެ ފިޔަވަޅާއި ދެކޮޅު ކަމަށެވެ.
'' ކައުންސިލްގެ ބައްދަލުވުމެއް ވެސް ނެތެއް ނޫންތޯ؟ މި ހުރިހާ ކަމެއް ހިންގެވިއިރު ގައި. ކައުންސިލް މެމްބަރުންގެ ރުހުމެއް ވެސް ނެތް. އެހެންވީމަ ޖޭޕީގެ މެމްބަރުން ވެސް މިކަމާއި ދެކޮޅު ހަދާ... ޖޭޕީއާއި ޕީޕީއެމްއާ މިގޮތަށް ގުޅިގެން ނުކުތީމަ ވޯޓު ލިބުމުގެ ބަދަލުގައި ގެއްލޭ ވޯޓު ގިނަވާނީ އިނގޭތޯ. އަޅުގަނޑު ގަބޫލުކުރަނީ އެހެން . އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ހެން، އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބުމަށް މަޖިލީހުގެ'' އިންތި ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ޖޭޕީގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގާސިމް ގޮވާލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އިންތި ވިދާޅުވި، ޔާމިން ދޫކޮށްލުމަށް ގޮވާލަމުން އެދަނީ ޖޭޕީއާ ޕޮރްގްރެސިވް ކޯލިޝަންއާ ދެމެދު އޮންނަ ''ހާއްސަ'' ގުޅުމުގެ ތެރެއިން ކަމަށާއި، އެއްވެސް ގޮތަކަށް ޔާމީން ޖަލަށްލެވިފައިވަނީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމުގެ ނަޒަރުން ދެކިވަޑައިގެން ދައްކަވަމުން އަންނަ ވާހަކަ އެއް ނޫން ކަމަށެވެ.