ރައްޔިތުންގެ މަޖިލީހަށް ވަންނަން ޖެހޭނީ ރޯފިލާފައި ތިބި މީހުން ކަމަށް, ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ގޮނޑިއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
މާލެ، ހުޅުމާޅެ، ވިލިމާލޭގައި ދިރިއުޅުއްވާ ހޯރަފުށީ ދާއިރާގައި ހިމެނޭ (ހޯރަފުށީ، ތުރާކުނު، އުލިގަމު)ގެ ރައްޔިތުންނާ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ ރައްޔިތުންނަށް ހައްގު މިންވަރާއި, ހައްގު ތަރައްޤީ އަދި ހައްގު ފައިސާ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ވަންނަން ޖެހޭނީ ރޯފިލާފައި ތިބި މީހުން ކަމަށެވެ.
ދިވެހި ސަރުކާރުގެ އާމްދަނީ އަކީ އަހަރަކު 30 އަކަށް ބިލިއަން ރުފިޔާކަމަށާއި, އެ ފައިސާ ތިން ލައްކަ އެއްހާ މީހުންގެ އާބާދީއަކަށް ބަހާލާއިރު އެއީ ލައްކަ ފައިސާ ކަމަށް ސައްލެ ވިދާޅުވިއެވެ. ނަމަވެސް ރެއާއި ދުވާލު ފެންނަ މަންޒަރަކީ ކޮންމެވެސް ފަރުވާއަކަށް ސަލާމް ޖަހަން ޖެހޭ ބަޔަކު އަބަދުވެސް އުޅެމުންދާ ތަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ގިނަ އަދަދެއްގެ ދައުލަތަށް ފައިސާ ލިބޭއިރު ރައްޔިތުންގެ ތެރެއިން ބަޔަކު އަބަދުވެސް އެހާލަތުގައި އުޅެން ޖެހެނީ ކީއްވެތޯ ސައްލެ ސުވާލު އުފެއްދެވިއެވެ. އޭގެ ޖަވާބަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ވަބާ ކަމަށް ވިދާޅުވި އެވެ.
އެ ވަބާ އަށަގަންނަވާފައިވަނީ ކަންބޮޑުވެ ބިރުގަންނަ މިންވަރަކަށް ކަމަށާއި އެންމެ ބޮޑަށް ކޮރަޕްޓް ވެފައި އޮތީ ރައްޔިތުންގެ މަޖިލީސް ކަމަށް ސައްލެ ވިދާޅުވި އެވެ.
"ފަރުދާގެ ފުރަގަހުން ހިންގަމުންދާ ޑީލްތައް އެންމެ ކުޑަކުއްޖާއަށްވެސް އިނގޭ. އަޅުގަނޑުމެން ރައްޔިތުން މިފަހަރު ނިކުމެ މިތިބީ ރައްޔިތުންގެ މަޖިލިސް ސާފުކުރަން." ސައްލެ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަށަގެންފައި އޮތް ކޮރަޕްޝަންގެ ވަބާ ނައްތާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވެރިފަރާތަކީ ރައްޔިތުން ކަން ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އޮންނާނެ ގޮތަކީ ކޮބައިކަން ރައްޔިތުން ނިންނަން ޖެހޭ ކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާއަށް ހޮވިއްޖެ ނަމަ ރައްޔިތުން ފަޚުރުވެރިވާނެ ގޮނޑިއަކަށް ހޯރަފުށީ ދާއިރާގެ ގޮނޑި ހައްދަވާނެ ކަމަށާއި ރައްޔިތުން ހިތްނުތަނަވަސްވެ މާޔޫސްވާނެ، މާއްދާއަކަށް، ބިލަކަށް އަދި ޤާނޫނަކަށް ތާއީދުކުރާ މީހަކަށް ނުވާނެ ކަމަށް ސައްލެ ވިދާޅުވިއެވެ.
އެންމެ މުހިއްމީ ރައްޔިތުން ކަމަށާއި އަބަދުވެސް އިސްކުރާނީ ރައްޔިތުން ކަމަށާއި މުހިއްމީ ރައްޔިތުންގެ ތަނަވަސް ކަމާއި ކެރިފޯރުންތެރިކަން ކުރިއަށްދިއުން ކަމަށް ވެސް ސައްލެ ވިދާޅުވި އެވެ.
މާޔޫސްކަން ފިލުވައި ރައްޔިތުންގެ ޖީބަށް ޑޮލަރުވަދެ ސަލާންޖެހުން ހުއްޓާލާނެ ދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް ވެސް ސައްލެ ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާއަކީ ވޭތިވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލްވި ދާއިރާއެއްކަން ފާހަގަ ކުރައްވައި ސައްލެ ވިދާޅުވީ ހޯރަފުއްޓާއި އުލިގަމު އަދި ތުރާކުނަށް ހައްގު މިންވަރު ލިބިފައި ނެތް ކަމަށެވެ. ރަފުށީ ދާއިރާއަށް ތަރައްޤީގެ ރޮނގުން ފަޚުރުވެރިވާ މާބޮޑު ފިޔަވަޅުތަކެއް ވެސް އެޅިފައި ނެތްކަމަށާއި އެސަރަހައްދަށް ފަސޭހައިން ދެވޭނެ މަގެއްވެސް ނެތްކަމަށް ސައްލެ ވިދާޅުވި އެވެ.