ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް ސޯލިހު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ އައްޑޫސިޓީގެ ހަތް ދާއިރާގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައި ދެއްވުމަށެވެ. ކެމްޕޭން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް ސޯލިހު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެކުގައެވެ. ހުކުރު ދުވަހު ރައީސް ސޯލިހު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވެސް އެކުގައެވެ.
ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބާއްވާފައިވަނީ މަރަދޫ ޕާކްގައެވެ. މަރަދޫ ޕާކްގައި ބޭއްވި ޖަލްސާގައި އައްޑޫސިޓީ ހަތް ދާއިރާގެ ހަތް ކެންޑިޑޭޓުންނާއެކު، ބޮޑު ޖަލްސާއެއް ބާއްވާ،އެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ހުކުރުދުވަހުގެ ރޭ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އައްޑޫސިޓީގެ ތަރައްގީއަށް އެކުލަވާލާފައިވާ ބިޔަ ބޮޑު ޕްރެޖްކްޓް އެކުލަވާލައި ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ދިގު ދެމިގެންދާ 5.3 ބިލިޔަން ރުފިޔާގެ ބިޔަ ބޮޑު ޕްރެޖެކްޓްގައި ހިމެނޭ ކަންތައްތައް ރައީސް ސޯލިހު ވަނީ އައްޑޫސިޓީގެ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. މި ޕްރޮޖެކްޓްގައި މަސްބަނދަރު ހެދުމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމާއި، މަގު ހެދުމާއި، ބޮޑު ސްވިމިން ޕޫލް އެއް ހެދުމާއި، ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އެޅުމުގެ އިތުރުން އިސްލާމިކް ސެންޓަރެއް އެޅުން ހިމެނެއެވެ.
ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫސިޓީގެ ހަތް ދާއިރާއަށް ޓިކެޓް ކަށަވަރު ކުރައްވާފައިވާ ހަތް ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުތަކުގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ސަރުކާރުގެ ސިޔާސަތުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ އަރިހުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މަޝްހޫރު ޑީއެންސީ ފުޓްބޯޅަ ޓީމާއި އެކުގައި ފުޓްބޯޅަ މެޗެއް ކުޅުއްވުމަށް ހަމަޖެހިފައިވީ ކަމުގައި ވީނަމަވެސް ، ވަގުތު ތަން ނުދިނުމުގެ ސަބަބުން ފުޓްބޯޅަ މެޗްވަނީ ކެންސަލްކޮށްފައެވެ. އެކަމާއި ފޭދޫގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން، ރައީސް ސޯލިހު ވަނީ ފޭދޫ ރައްޔިތުން އެދޭ ތާރީހެއްގައި ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ފަހުން ރައީސް ސޯލިހު އައްޑޫސިޓީއަށް ކުރެއްވި މިއީ ފުރަތަމަ ފަހަރުއެވެ. ރައީސް ސޯލިހު ވަނީ އެ މަނިކުފާނަށް ވޯޓް ދެއްވާ، އައްޑޫސިޓީން ސަރުކާރު ކޯލިޝަނަށް ދެއްވި ވޯޓަށް ޝުކުރު ދަންނަވާފައެވެ.