ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތާއި ފައި ބިނދިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލައް ސިޓީ ފުނާޑު ހައިވޭ ރެސްޓް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި، އެކްސިޑެންޓެއް ހިނގައި އަނިޔާ ލިބުނު ތިން މީހަކު ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން ލަންކާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަނާތާއި ކަނާތު ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނެއް ސައިކަލް ދުއްވަން އިން 18 އަހަރުގެ މީހާ އާއި އެ ސައިކަލް ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހު 14:15 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.