ގާނޫނީ ޚިދުމަތުގެ ބިލަކީ މި ވަގުތަށް ރާއްޖެއަށް އެންމެ މުހިންމު ބިލުކަމުގައި ކުރީގެ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ އެންމެހާ ކަންކަން ގޯސްވެގެންދަނީ މި ގައުމުގައި އިންސާފް ގާއިމްވެފައި ނެތުމުން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ގާނޫނީ ޚީދުމަތުގެ ބިލަކީ މިއަދު ގެއްލި ނެތިގޮސްފައިވާ އިންސާފު ރާއްޖޭގައި ގާއިމް ކުރުމަށް މިވަގުތަށް މުހިންމު ބިލެއް ކަމަށެވެ.
"މި ބިލުން ކޮށްދޭ ކަމަކީ ގާނޫނީ ވަކީލުންނަށް ސަލާމަތާއި ރައްކާ ތެރިކަން ހޯދައި ދިނުން. ގާނޫނީ ވަކީލުންނަކީ އެމީހުން އަމިއްލައަށް އެމީހުންގެ ކަންތައްތައް ބަލަހައްޓާ އިންސާފްވެރިކަމާއި އެކު ޖާގައާއި މިނިވަންކަން އޮވެގެން ބިރުވެރިކަމެއް ނެތި މަސައްކަތްތައް ކުރުމުގެ މަގު ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ބިލެއް" ނަޝީދު ވިދާޅުވިއެވެ.
ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ މައްސޫލިއްޔަތަކީ ފަޑިޔާރުންގެ ސްލޫކީ މިންގަނޑުތައް ކަނޑައެޅުމާއި ފަނޑިޔާރުން ބެލެހެއްޓުންކަން ފާހަގަ ކުރައްވާ އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެކޮމިޝަނަށް މީހުން އައްޔަން ކުރަނީ ގާނޫނު އަސާސީގައާއި އާންމު ގާނޫނުގައިވެސް ވާގޮތުގެ މަތިން ކަމަށާއި ގާނޫނީ ޚިދުމަތުގެ ބިލް އަމާޒް ހިފާފައިވާ އެއްކަމަކީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ބަޔަކީ ވަކީލުން ވޯޓްދީގެން ޖޭއެސްސީއަށް ހޮވާ ފަރާތްތަކަށްކަށް ހެދުން ކަމަށެވެ.
މިހާރު އޮންނަގޮތުން ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް މެންބަރަކު ކަނޑައެޅުމަށް ވަކީލުންގެ އިތުރުން ފަނޑިޔާރުންނަށް ވޯޓް ދެވޭކަން ފާހަގަ ކޮށްލެވެއެވެ.