Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 17:49
ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ
ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ
ރާއްޖެ އެމްވީ
ސައުދީ އެމްބަސީގެ "ހަދިޔާ"
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
އިވެންޓެއް ކަވަރ ކުރަން ދިޔަ ނޫސްވެރިނަނަށް ސައުދީ އެމްބަސީން ވަނީ ފައިސާ ދީފައި
ކޮންމެ ނޫސްވެރިޔަކަށް ދިން ސިޓީ އުރައިގައިވަނީ 500 ރުފިޔާ
ރާއްޖެޓީވީން ވަނީ ފައިސާ އަނބުރާ އެމްބަސީއަށް ރައްދުކޮށްފައި

އާދިއްތަ ދުވަހު ސަައުދީ އަރަބިއްޔާގެ އެމްބަސީގައި އޮތް ހަފްލާއެއްގައި ނޫސްވެރިންނަށް ސިޓީ އުރައެއްގައި ބަންދުކޮށްފައި ފައިސާ ދީފައިވާ އިރު، ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ހަދިޔާއެއް ރާއްޖެޓީވީ  އަދި ސްޓޭޝަންގެ އެއްވެސް މުވައްޒަފެއް ގަބޫލު ނުކުރާނެކަން ފާހަގަކޮށް، ހަމަ އެ ދުވަހު މި "ހަދިޔާ" އެމްބަސީއަށް އަނބުރާ ރައްދުކޮށްފިއެވެ.

ތިން މަސް ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ކުރި އޯޓިސްޓިކް ކުއްޖެއްކަމަށްވާ، 14 އަހަރުގެ އަލްހާފިޒް އަހްމަދު ނަބީހަށްހިތްވަރު ދިނުމުގެ ގޮތުން ސައުދީ އެމްބަސީން އޭނާއާ ބައްދަލުކުރުމަށް އާދިއްތަ ދުވަހު މެންދުރު ބޭއްވި އިވެންޓް ކަވަރ ކުރުމަށް ގިނަ ނޫސްވެރިން އެތަނަށް ގޮސްފައިވެއެވެ. އަދި އިވެންޓް ނިމުމުން ނޫސްވެރިން ވަކިން ހާޒިރުކޮށް،  ސިޓީ އުރައެއް އެމީހުނާ ވަނީ ހަވާލުކޮށްފައެވެ. އޭގައި އޮތީ 500 ރުފިޔާކަން ނޫސްވެރިންނަށް އެނގުނީ އެމްބަސީން ނުކުތުމަށް ފަހުގައެވެ.

ގުޅޭ ޚަބަރު: ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

ޅަ، ދިވެހި ކުދިންގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ މިފަދަ ހަފްލާތަކުގައި ބައިވެރިވުމަކީ ރާއްޖެޓީވީއަށް ލިބޭ ފަހުރެއްކަން ފާހަގަކޮށް، މިއީ މިފަދަ "ހަދިޔާ"އެއް ދޭން ޖެހޭފަދަ ހާލާތެއްކަމަށް ނުދެކޭކަން ބުނެ، ސްޓޭޝަނުން ވަނީ އެތަނުގެ ދެ މުވައްޒަފުންނަށް ދިން "ހަދިޔާ" ސައުދީ އެމްބަސީއަށް އަނބުރާ ރައްދުކޮށްފައެވެ.

ފައިސާ އަނބުރާ ރައްދު ކުރަމުން، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުައްވާފައި ހުންނަވާ ސަފީރު، ބަދުރު އަލީ އަލްކަހާއިލަށް ފޮނުވި ސިޓީގައި ރާއްޖެޓީވީން ބުނީ، އިވެންޓް ނިމުމުން ނޫސްވެރިންނަށް ފައިސާދިންކަން އެނގުމުން ރާއްޖެޓީވީން ހައިރާންވިކަމަށާއި، އެއީ ރާއްޖެޓީވީން ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ.

"މިފަދަ އެއްވެސް ހަދިޔާއެއް ގަބޫލުކުރުމަކީ ރާއްޖެޓީވީން ހުއްދަ ކުރާކަމެއް ނޫން، އެހެންކަމުން އިވެންޓް ނިންމާފައި އަނބުރާ އޮފީހަށް އައުމަށް ފަހު ނޫސްވެރިންވަނީ އެ ވާހަކަ ސްޓޭޝަންގެ ސީނިއަރ ފަރާތްތަކާ ހިއްސާކޮށްފައި،" ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، "ރައްޔިތުންގެ އިތުބާރު ގެއްލި، ޝައްކު އުފެދިދާނެ ފަދަ އެއްވެސް ހަދިޔާއެއް  ރާއްޖެޓީވީއާއި ސްޓޭޝަނުގެ އެއްވެސް މުވައްޒަފެއް ގަބޫލު ނުކުރާނެ"ކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް