ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރަން ޝަރުތު ހަމަވަނީ އެމް7 އާއި ނޮވެލްޓީ ކަމަށް އެކަމިޝަނުން ބުނެފިއެވެ.
އީސީއިން ބުނީ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލި ފުރުސަތުގައި ތިން ފަރާތަކުން މައުލޫމާތު ސާފު ކުރި ކަމަށެވެ. އެހެން ނަމަވެސް ޝަރުތު ހަމަވަނީ އެމް7 އާއި ނޮވެލްޓީ ކަމަށެވެ.
އީސީ އިން ބުނީ ވޯޓު ކަރުދާސް ޗާޕުކުރަން ބީލަން ހުޅުވުން އޮންނާނީ މާޗް މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެ ކޮމިޝަންގެ ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާގައި ކަމަށެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އިތުރުން ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދީފައި ވަނީ އެމް7 ޕްރިންޓާސް އިންނެވެ. އެ ފަހަރު އެމްސެވެން އިން ވަނީ 264,756 (ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ފަންސާސް ހައެއް) ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައެވެ.
މިފަހަރުގެ އިންތިޚާބުގައި އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އީސީއިން ވަނީ ފުލުހުންނާ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.