ވިހެއުމުން ލިބޭ ޗުއްޓީ އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި އެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވިހެއުމުން އަންހެނުންނަށް މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ ބުރާސްފަތިި ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ބުރާސްފަތި ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.
ރައީސް ސޯލިހް ތަރުޖަމާން އިބްރާހިމް ހޫދު ހުކުރު ދުވަހުގެ ރޭ ވިދާޅުވީ ސިވިލް ސާރވިސްގެ މުވައްޒިފުންނަށް ތައާރަފްކުރި މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް އުސޫލާއި އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް އަމަލުކޮށްދެއްވުމަށް ރައީސް ސޯލިހް އިލްތިމާސްކުރައްވާފައިވާކަމަށެވެ.
ސަރުކާރު ކުންފުނިތަކުުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި އިތުރު ކުންފުނިތަކުންވެސް އަންނަނީ އުސޫލު ތައާރަފްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ވިހެއުމާ ގުޅިގެން ބުރާސްފަތި ދުވަހާއި ހަމައަށް ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަހެވެ.