މި އަހަރުގެ ބަޖެޓްގައި އައްޑޫސިޓީގައި ފެށުމަށް ހިމަނާފައިވާ ގިނަ ޕްރޮޖެކްޓްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އެޖެންޑާ 19 އައްޑޫ ސިޓީ ކެމްޕޭން ލޯންޗިން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީގައި ފެށުމަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ މަޝްރޫއުތަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އައްޑޫސިޓީ ދޫކޮށް ހިޖްރަކޮށްފައިވާ ދާއިރާގެ ރައްޔިތުން އަބުރާ ގެނައުމަށް ވެސް މި މަޝްރޫއުތައް އަވަހަށް ފެށެންޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ހައްލު ކުރުމާއި، މަގުތައް ހެދުމާއި، ހޮސްޕިޓަލް ތަރައްގީ ކުރުން ފަދަ މުހިއްމު އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކަމަށް ސޯބެ ވިދާޅުވިއެވެ.
"ހިޖްރަކޮށްފައިވާ އައްޑޫ ރައްޔިތުން އެނބުރި ގެނައުމަށް އައްޑޫސިޓީ މި ބޭނުންވެފައިވާ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ފެށެންޖެހޭ،" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދިއުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ ލިބެންޖެހޭ ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން އެޕްރީލް ހަ ވަނަ ދުވަހު ނިކުމެ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ސޯބެ ވަނީ އެދިވަޑައިގެންފައެވެ.
އެޖެންޑާ 19 އައްޑޫ ސިޓީ ކެމްޕޭން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި އައްޑޫސިޓީ ހަތް ދާއިރާގެ ގިނަ ރައްޔިތުންވަނީ ބައިވެރިވެވަޑައިގެންފައެވެ.