ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ނުބޭންދޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ދޫކޮށްލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗު ކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައި ވާހަަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޝަރީއަތް ނިމެންދެން "ވާނުވާ ޖަހާފައި" ޔާމީން ޖަލުގައި ނުބޭންދޭނެ ކަމަށެވެ. އަދުލު އިންސާފު ލިބެންޖެހޭނީ އެންމެންގެ މައްޗަށް ހަމަހަމަކޮށް ކަމަށް ވިދާޅުވެ، ގާސިމް ވަނީ ޔާމީން ދޫކޮށްލުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކީ އުމުރު ދުވަހަށް ޖަލަށްލާން ޖެހޭ މީހަކަށް ވަންޏާ، "މިއީ ބޮޑު އުނދަގުލެއް" ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން ވާނުވާ ޖަހާފައި، ޖަލުގައި ނުބޭންދޭނެއޭ. ދޫކުރައްވާށޭ މިހާރުން މިހާރަށް. އަނިޔާވެރި ނުވާނަމޭ ކިޔައިގެން އެ ތޮފި، އަޅައިގެން ތިބެގެން އަބްދުﷲ ޔާމީން ޖަލަށް ލައިގެން އެހެން ނުބޭންދޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުވާ ޖަހާފައި ނުބޭންދޭނެއޭ. އަދުލު އިންސާފު ލިބެންޖެހޭނީ އެންމެންގެ މައްޗަށް ހަމަހަމަކޮށް،" މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
"އިންޓެލިޖެންޓް [އިންޓެލިޖެންސް] ރިޕޯޓެއް ލިބިއްޖެއޭ ކިޔާފައި، ކޯޓުތަކުން އެފަދަ ހުކުމްކޮށްދޭތީ އަޅުގަނޑު ހިތާމަ ކުރަން. އެއީ އަޅުގަނޑުމެންގެ ފެންވަރުވެސް އަޅުގަނޑަށް ފެނިފައި ހުރީތީ. އަޅުގަނޑު ގޮވާލަން އެފަދަ ކަންކަން ކުރައްވާ މުއައްސަސާތަކުން އެގޮތަށް ކަންކަން ނުކުރެެއްވުމަށް. އިސްލާހު ކުރެއްވުމަށް. ވަގުތުން މިހާރުން މިހާރަށް އިސްލާހު ކުރެއްވުމަށް"
މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޔާމީން ޖަލަށްލާފައި ވަނީ ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅައި، ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. ޔާމީން ހައްޔަރުކޮށްފައިވާތާ 18 ދުވަސްވީއިރު، މެއަށް ތަދެއް އަރައިގެން ކަަމަށް ބުނެ، ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައިވެއެވެ.