މަގާމުގެ ނުފޫޒު ފޯރުވައި މަސަތްކަތަށް ހުރަސް އަޅައި އިންޒާރުގެ މެސެޖްތަކާއި ފޯން ކޯލްތައް އަޔަސް ހައްގު ބަސް އިހްތިޔާރު ކުރުމުގައި ބިރު ދެއްކޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެކަން ފާއިތުވެގެންދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ސާބިތުވެފައިވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާއަށް ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ނާދިރާ ވިދާޅުވީ އިންސާފުގެ މަގުން ހިނގައި މުޖްތަމައު ކުރިއެރުވުމަށް މަޖިލީހުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި ރައްޔިތުންގެ އަޑު އިއްވައިދީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށެވެ.
ޝަރުއީ ދާއިރާގައި މައްސަލަ ހުރިކަން ފާހަގަ ކުރައްވައި ނާދިރާ ވިދާޅުވީ އެ ދާއިރާ އިސްލާހު ކުރުމަށް ތެދުވާނެ އެކަކެއްގެ ގޮތުގައި ހުންނާނެ ކަމަށާއި އެތައް އަހަރެއް ވަން ދެން ގޮތެއް ނުނިންމައި ކޯޓުގައި ހުރި ގެދޮރުގެ މައްސަލަތަކާއި ޝަރީއަތް ނިމެންދެން އެތައް އަހަރު ހުކުމެއް ނުކޮށް ޖަލުގައި ތިބެންޖެހޭ ޒުވާނުންގެ މައްސަލަތައް ހައްލުކޮށްދީ އެންމެ އެކަތިގަނޑަކަށްވެ "ގަލޮޅު ގަލޮޅަކަށް" ހަދާނެ ކަމަށެވެ.
ނާދިރާ ވިދާޅުވީ މި ގައުމު ހައްލު ކުރެވޭނީ އިންސާފުވެރި ގައުމަކަށް މި ގައުމުވެގެން ކަމަށާއި، އިންސާފުގެ މަގުން ހިނގައިފިނަމަ އެއްވެސް ތަކުލީފަކާ ނުލައި ގައުމު ބައްޓަން ކުރެވިދާނެ ކަމަށެވެ.
މާލޭގޭ ރަށްވެހިންނަކީ ވަރަށް ހާލުގައި އުޅޭ ބައެއް ކަމަށާއި ފްލެޓްތައް ބެހިއިރުގައި ވެސް ނުލިބި ދަތި ހާލުގައި ބައެއް ރައްޔިތުން އުޅެމުންދާ ކަމަށް ނާދިރާ ވިދާޅުވި އެވެ. ގަލޮޅު ދެކުނު ދާއިރާގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާ ނުލިބުންކަން ފާހަގަކުރައްވައި ނާދިރާ ވިދާޅުވީ ސަރުކާރަކީ ހަމައެކަނި ވަޒީފާ އުފައްދާ މުއައްސަސާއަކަށް ވެގެން ގައުމެއް ބިނާ ނުކުރެވޭނެ ކަމަށާއި ކުދި ވިޔަފާރަވެރިންނަށް ގާނޫނުތަކުގެ ތެރެއިން ކުރިމަގު ބައްޓަން ކުރުމަށް އެހީތެރިވެ ދީ ވިޔަފާރަވެރި އަމިއްލައަށް ކުރެވޭ ފަރާތްތަކަށް އެ މަގު ހޯދައިދީ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ.
ނާދިރާގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ހަފުލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.